ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އެންޑޯމެޓްރިއޯސިސްގެ ފަރުވާއަށް މިލިއަނެއް ޚަރަދުކޮށްފައިވާކަމަށް އެ އެޖެންސީގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
އެންޑޯމެޓްރިއޯސިސްއަކީ އަންހެނުން ތަހަންމަލްކުރާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ބަނޑުގައި ރިއްސުމާއި ދަރިމައިވުމުގައި ގޮންޖެހުންތައް ކުރިމަތިވެއެވެ. މި ބަލީގައި ދިމާވާ އެންމެ ނުރައްކާތެރި ކަމަކީ ރަހިމުގައި ހުންނަ ޓިޝޫ ރަހިމުން ބޭރުގައި އުފެދުމެވެ. މި ބައްޔަށް ދާއިމީ ޝިފާއެއް ނުވާއިރު، ބަލީގެ އުނދަގޫތަކުން ސަލާމަތްވުމަށް އޮޕަރޭޝަންތަކެއް ކުރަންޖެހޭ ފަހަރު ދިމާވެއެވެ.
މިއަދު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައިވަނީ، ސިއްޙީ ޚިދުމަތްތައް ލިބިގަތުމުގައި ޢާންމުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް މަޖިލީހުން ކޮށްދެވޭނީ ކޮންކަންތައްތަކެއްކަން ބެލުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެންސްޕާއާއި އާސަންދަ ކުންފުނީގެ ބޭފުޅުން އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، މި ސަރުކާރުން ކުރެވުނު މަސައްކަތުން އެންޑޯމެޓްރިއޯސިސްއަކީ ބައްޔެއްކަމުގައި ބަލައި މިދިޔަ އަހަރުން ފެށިގެން މި ބައްޔަށް ފަރުވާ ހޯދުމަށް އާސަންދަ ފޯރުކޮށްދޭން ފަށާފައި ވާކަމަށެވެ. އެގޮތުން، މި ބައްޔަށް ފަރުވާ ހޯދުމަށް އާސަންއިގެ ދަށުން ބަލިމީހުން ބޭރަށް ވެސް ފޮނުވައިފައި ވާއިރު، އެންސްޕާގެ މެޑިކަލްވެލްފެއާގެ ދަށުން ވެސް މި ބަލީގެ ފަރުވާއަށް ޚަރަދު ކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މެޑިކަލްވެލްފެއާގެ ތެރެއިން ވެސް, އެންޑޯމެޓްރިއޯސިސް ތަހަންމަލްކުރަމުންދާ ފަރާތްތައް އެކިއެކި ފަރުވާއަށް ފޮނުވަމުން އެބަދަން. އެގޮތުން ފާހަގަކޮށްލާނަން މިއަހަރުގެ ޖަނަވަރީން ފެށިގެން ޖޫންގެ ނިޔަލަށް އަޅުގަނޑުމެން 14 ފަރާތަކަށް އެއް މިލިއަން ރުފިޔާގެ އެހީތެރިކަމެއް ޚާއްސަކޮށް މި ފަރުވާގެ އެކިއެކި ކަންކަމަށް ހޭދަކުރެވިފައި ވެބަވޭ،" އެންސްޕާގެ ސީއީއޯ ހީނާ ވަލީދު
މި ކޮމިޓީގައި ވަނީ އެންޑޯ އެޑްވޮކޭޓް ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ކުޑޫއަށް ފޮނުވާފައިވާ ސިޓީއެއްގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.
މިދިޔަ އަހަރު އައިޖީއެމްއެޗްގައި އެންޑޯމެޓްރިއޯސިސްއަށް ޚާއްސަ ކްލިނިކެއް ހުޅުވިކަން ފާހަގަކޮށް މި ސިޓީގައި ވަނީ، އެންޑޯމެޓްރިއޯސިސްގެ ސްޕެޝަލިސްޓެއް މި ކްލިނިކުގައި ނުބަލާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެެ. އަދި އާސަންދަ ހަމަޖެހިފައިވާ ބޭރުގެ ގިނަ ހޮސްޕިޓަލްތަކުގައި ވެސް މި ބަލީގެ ސްޕެޝަލިސްޓުން ނުތިބޭކަމުގެ ކަންބޮޑުވުން މި ސިޓީގައި ފާހަގަކޮށްފައިވެއެވެ.
މި ސިޓީގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް އަލިއަޅުވައިލައްވައި އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓާ ޑރ. އައިމިނަތު ޒައިބާ އަހްމަދު ވިދާޅުވީ، އެ ހޮސްޕިޓަލުގައި އެ ބައްޔަށް ޚާއްސަ ކްލިނިކްގައި އެންޑޯމެޓްރިއޯސިސްގެ މައްސަލަތައް ބެލި ނަމަވެސް، ސްޕެޝަލިސްޓެއް ނުހުންނަ ކަމަށެވެ.
"އެބޭފުޅުން [މިކަމާ ގުޅިގެން މައުލޫމާތު ހޯދަން ވާހަކަ ދެކެވުނު ޑޮކްޓަރުން] ވިދާޅުވަނީ، އެންޑޯމެޓްރިއޯސިސްގެ ސްޕެޝިއަލިޓީއަކީ އޮންނަ އެއްޗެއް ނޫނޭ. އެންޑޯމެޓްރިއޯސިސްގައި ތަމްރީނެއް ނުހުރޭ އެމްކިއުއޭއިން ގަބޫލުކުރާކަހަލަ ދެއަހަރު ތިން އަހަރުގައި އަޅުގަނޑުމެން ޓްރެޑިޝަނަލީ ކިޔަވާ ގޮތަކަށް،" އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓާ ޑރ. އައިމިނަތު ޒައިބާ އަހްމަދު
އާސަންދައިން މި ބަލީގެ ފަރުވާއަށް ދިވެހިން ފޮނުވާ ހޮސްޕިޓަލްތަކުގައި ވެސް މި ބަލީގެ ސްޕެޝަލިސްޓުން ނުތިބެނީ އެއީ ސްޕެޝަލިސްޓުން ލިބޭ ދާއިރާއަކަށް ނުވާތީކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މިކަމަށް ޝައުގުވެރިކަން ބޮޑުވުމުގެ ސަބަބުން ތަޖުރިބާ ހޯދައިގެން މަސައްކަތްކުރާ ޑޮކްޓަރުން އުޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ވެސް މިފަދަ ޝައުގުވެރިކަމެއް ހުންނަ ޑޮކްޓަރެއް އުޅޭކަން ޒައިބާ ފާހަގަކުރެއްވިއެވެ. އަދި އެންޑޯމެޓްރިއޯސިސް ކްލިނިކްގެ ޚިދުމަތްތައް ފުޅާކުރަން މަސައްކަތް ކުރާ ކަމަށާއި އަންނަ މަހު ވެސް ޓްރެއިނިން ކުރިއަށް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އާސަންދައިގެ ދަށުން އައިވީއެފް އާއި ޕީސީއޯއެސް އަދި އެންޑޯމެޓްރިއޯސިސްގެ ފަރުވާ ފޯރުކޮށްދޭން ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައެވެެ.