ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް މެންބަރު އިތުރުކުރުމަށް މީގެ މަސްތަކެއް ކުރިން އެ ޕާޓީން ފެށި ހަރަކާތުގައި ގިނަ އަދަދެއްގެ ވަގުފޯމު ފުރައި، ޕާޓީއަށް މެންބަރުން އިތުުރުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ޕާޓީ ޖޫރިމަނާކުރަން ފަށައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
ޕީއެންސީއަށް މެންބަރުން އިތުރުކުރަން ހިންގި ހަރަކާތުގައި އެތައް ހާސް ފޯމެއް، އެ ޕާޓީގައި ސިޔާސީ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ދަށުން ވެއްދިއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ވަރަށް ގިނަ އާންމު ރައްޔިތުން އެ ދުވަސްވަރު އައީ، ރަޖިސްޓްރީވެފައިވާ ޕާޓީ، ސޮއިނުކުރަނީސް، ޕީއެންސީއަށް ބަދަލުވެފައިވާކަމަށް ބުނެ ކަންބޮޑުުވުން ފާޅުކުރަމުންނެވެ.
އެހެންވެ އޭގެން ގިނަ ފޯމަކީ ވަގު ފޯމުތަކެއްކަމަށް ބުނެ އިދިކޮޅު އެމްޑީޕީއިން ގެންދިޔައީ ތުހުމަތުކުރަމުންނެވެ.
އެ ތުހުމަތުތައް ކުރަމުންދަނިކޮށް ފެނުނީ، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ ތެރޭ، އެ ތަނުގެ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވަގަށް މެންބަރުން ވައްދަން މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ ފޮޓޯއެއް ވެސް ލީކުވިއެވެ.
އަދި އެމްޑީޕީގެ މަޖިލިސް މެންބަރެއްކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވެސް ޕީއެންސީގެ ދަފުތަރުގައި ރަޖިސްޓްރީވެފައި އޮއްވައެވެ.
އަދި އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްކަމަށްވާ، އެމްޑީޕީގައި ހަރަކަތްތެރި، އަހްމަދު ޠާރިގު (މަނަދޫ ޠާރިގު) ވެސް އެ ދުވަސްވަރު ޕީއެންސީއަށް އޮތީ ވައްދައިފައެވެ. އެހެންވެ އޭނާ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށާއި ފުލުހަށް ވެސް ހުށަހެޅިއެވެ.
އެއާއެކު، ވަގު ފޯމުތަކުގެ މި މައްސަލައިގައި ޕީއެންސީއާމެދު އެޅި ފިޔަވަޅަކީ ކޮބައިތޯ ސުވާލުކުރުމުން އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްރަހުމާން ސަލާހު ރަޝީދު "ސަން"އަށް ވިދާޅުވީ، ވަގުފޯމެއްތޯ ކަށަވަރުކޮށް، ބަލައި، ސާބިތުވުމާއެކު އެ ޖޫރިމަނާކުރާ ކަމަށެވެ.
ނަމަވެސް ޖޫރިމަނާކުރީ ކިހާ އަދަދަކުންތޯއާއި، ކިތައް ވަގުފޯމަށް ޖޫރިމަނާކުރިތޯއާއި، ޕީއެންސީން ހުށަހެޅި ފޯމުތަކުގެ ތެރެއިން ބާތިލުވީ ކިހާ ފޯމެއްތޯ އޭނާ ވިދާޅެއް ނުވެއެވެ. ވިދާޅުވީ އެ މައުލޫމާތު ބަލައިލުމަށްފަހު ހިއްސާކުރައްވާނެ ކަމަށެވެ.
ވަގުފޯމުތަކުގެ މައްސަލަ ބޮޑުވުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވާން އީފާސް މެދުވެރިކޮށް އޮންލައިކޮށް ފޯމުފުރާ ގޮތަށް ބަދަލުކޮށްފައެވެ. އޭރުން ކޮންމެ މީހަކަށް ވެސް އަމިއްލައަށް އެކަނި ސިޔާސީ ޕާޓީތަކަށް ވަދެވޭނެއެވެ.