ފެންނަނީ ކުރީގެ ރައީސުންނާއި މެންބަރުންގެ އިނާޔަތް ކުޑަކުރަން: ރައީސް

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ކުރީގެ މެންބަރުންނާއި ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ފެނިވަޑައިގަންނަވާ ކަމަށް -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީސް މެންބަރުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތައް ކުޑަކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ މެންބަރުންނާއި ރައީސުންނަށް ދޭ އިނާޔަތްތަކާ މެދު މި ފަހުން ވަނީ ކަންބޮޑުވުން ބޮޑުވެފައެވެ.

އެ ކަމާ ގުޅިގެން ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ރައީސް މުއިއްޒު މީގެ ދެ ދުވަސް ކުރިން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މަޖިލީސް މެންބަރުކަން ކުރައްވާފައި ތިއްބެވި ކުރީގެ މެންބަރުންނާއި ކުރީގެ ރައީސުންނާ ދެމުންދާ އިނާޔަތްތައް މަދުކުރަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. ރައްޔިތުން އެދެނީ އެ ގޮތަށް ކަމަށް ވެސް އެ މަނިކުފާނު ލިޔުއްވާފައިވެއެވެ.

"ރައްޔިތުން އެދެނީ އެ ގޮތް. އަޅުގަނޑުމެންނަކީ ރައްޔިތުންގެ މަންދޫބުން، ޚާދިމުން،" ރައީސް ލިޔުއްވާފައިވެއެވެ.

ރައީސް މުއިއްޒު: އެ މަނިކުފާނު ވަނީ ކުރީގެ ރައީސުންނާއި މެންބަރުންނަށް ދޭ އިނާޔަތް ކަނޑާލަން ފެންނަ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

'ސަން'އަށް އެނގިފައިވާ ގޮތުގައި ރައީސްގެ ހުށަހެޅުއްވުމަށް ދެކޮޅު ހެއްދެވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް)އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ)އެވެ. އެހެން މެންބަރުން އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވި ނަމަވެސް ގިނަ މެންބަރުން ވަނީ ފަނޑިޔާރުންނާއި ސަލާމަތީ ޚިދުމަތްތަކަށް ކުރަމުން އަންނަ ހޭދަ ވެސް ކުޑަކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އެނގިފައިވާ ގޮތުގައި އެ ގްރޫޕުގައި ތިއްބެވި ގިނަ މެންބަރުން ވަނީ ރައީސްގެ ޚިޔާލުފުޅަށް ތާއީދުކުރައްވާފައެވެ. މިހާރު އޮތް 20ވަނަ މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވާއިރު، އެ ޕާޓީން ބޭނުންވާ ކޮންމެ ބަދަލެއް ގެނެވޭނެއެވެ.

ކުރީގެ މެންބަރުންނަށް ދެމުންދާ އިނާޔަތްތަކާ ގުޅިގެން މި ފަހުން ފާޑުކިޔުން ބޮޑުވީ އިގުތިސާދީ ހާލަތު ދަށްވުމާ އެކުގައެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ކުރީގެ މެންބަރުންގެ ސިއްހީ އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މެންބަރުންނަށް އިނާޔަތާއި ސިއްހީ އިންޝުއަރެންސް ދޭން ފެށީ 2013 ވަނަ އަހަރެވެ.

https://sun.mv/210864

އެކަމަކު، ކުރީގެ މެންބަރުންނަށް މާލީ އިނާޔަތް ލިބެނީ އުމުރުން 55 އަހަރު ފުރުމުންނެވެ. އެ ގޮތުން، އެއް ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 އިންސައްތަ އަދި ދެ ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 އިންސައްތަ ލިބެއެވެ.

އެހެންވެ، ގިނަ ބަޔަކު އަންނަނީ ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ގޮވާލަމުންނެވެ. އެއީ، އިސްރާފެއް ކަމަށް ބުނެ ފާޑުކިޔުން ވަނީ ބޮޑުވެފައެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ފެށީ 2009 ވަނަ އަހަރުން ފެށިގެންނެވެ. އެ ގޮތުން، އެއް ދައުރު ފުރިހަމަކުރި ރައީސަކަށް މަހަކު 50،000 ރުފިޔާ އަދި ދެ ދައުރު ފުރިހަމަކުރި ރައީސަކަށް 75،000 ރުފިޔާގެ މަގުން އިނާޔަތް ދެއެވެ. އެ އެކަންޏެއް ނޫނެވެ. ކުރީގެ ރައީސުންނަށް ދިރިއުޅޭނެ ތަނެއް ހަމަޖައްސަން އިތުރު 50،000 ރުފިޔާއެއް ދޭއިރު، އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި 175،000 އެއްހާ ރުފިޔާ ދެއެވެ.

އެހެންވެ، ކުރީގެ ފަސް ރައީސުން ދުނިޔޭގައި ތިއްބެވުމުން ބޮޑު ޚަރަދެއް އެ ކަމަށް ކުރަންޖެހެއެވެ. އެއީ، ވެސް އާންމުންގެ ފާޑުކިޔުމާއި ނުރުހުން އޮތް ކަމެކެވެ.

comment ކޮމެންޓް