ދިވެހި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާ ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރަކަށް، މަޝްހޫރު ބޭންޑް ޓޫ އޮފް އަސް ހަމަޖައްސައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމަށް ހުޅުވައިލީ އިއްޔެއެވެ.

ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރަކަށް ޓޫއޮފް އަސް ހަމަޖެއްސުން --- ފޮޓޯ/ އެމްއެމްޕީއާރުސީ
މިކަމާ ގުޅިގެން އެމްއެމްޕީއާރުސީން ބުނީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ދިވެހި ފަންނާނުންނާއި އުފެއްދުންތަކާއި ސަގާފަތާއި ތަރިކަ އިޝްތިހާރު ކުރުމަށް އިއްޔެ ހުޅުވާލި ޕްރޮގްރާމުގެ ބައިވެރިއަކަށް "ޓޫއޮފް އަސް" ހަމަޖައްސާފައިވާ ކަމަށެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ އެކި ދާއިރާތަކުގެ ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި، ތަފާތު ފަންނީ އުފެއްދުންތައް ދައްކުވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކާއެކު މަސައްކަތްކޮށް ދިވެހި ސަގާފަތާއި، ތަރިކައާއި، އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ޓޫ އޮފް އަސްއަކީ ރާއްޖެއާއި ބޭރުގެ މިއުޒިކާއެކު ލަވަތައް ހުށަހަޅައިދޭ ފިއުޝަން ބޭންޑެކެވެ.
މި ބޭންޑުން ވަނީ މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ކާމިޔާބުކޮށްފައެވެ.
މި ބޭންޑުގައި ހިމެނެނީ އަޙްމަދު އަދުހަމާއި، އަބްދުالله ޝަމްރޫޚާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަހްމަދު ޝަހީދު (ޝަހީދު ލެގަސީ)އާއި އަހްމަދު ޖަޝީމެވެ.
މި ބޭންޑުން މިހާރު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ މީހުންނަށް ތަފާތު ހުނަރުތައް ދައްކާލުމަށް ފުރުސަތުދޭ އެންމެ މަގުބޫލު އެއް ޝޯ ބްރިޓަންސް ގޮޓް ޓެލެންޓްގައި ހުނަރު ދައްކައިލުމުގެ ފުރުސަތު ހޯދައިފައެވެ.