ގުޅީފަޅު އެއްބަސްވުމަށް ބަދަލު ގެނައީ މަޖުބޫރުންކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރު

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް: ގުޅީފަޅު އެއްބަސްވުމަށް ބަދަލުގެނައީ ގާނޫނާ ޚިލާފަށް ރައްޔިތުންނަށް މަޖުބޫރުކޮށްގެން ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި -- ފޮޓޯ/ މަޖިލިސް

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނާއެކު ކުރިން ހެދި އެއްބަސްވުންތައް އުވާލައި، އައު އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރުން މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އެ ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލުމަށް 34 މެންބަރުން ވޯޓުދެއްވިއެވެ.

އެއާއެކު ރިޔާސަތުން ވަނީ އެ ކުއްލި މައްސަލަ ބޭރުކޮށްލައިފައެވެ.

މެންބަރު ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އެމްޑީޕީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ދަށުން، ކ. ގުޅީފަޅުން ގޯތި ދޫކޮށްފައިވީއިރު، އެ ގޯތިތައް ހަވާލުކުރުމަށް ކުރީގެ ސަރުކާރުން އެއްބަސްވުން ހަދައިފައިވަނީ ގާނޫނާ ފުށުއަރާގޮތަށް ކަމަށް ބުނެ، އެ އެއްބަސްވުން ބަދަލުކުރުމަށް ނިންމައިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާ ކަމަށެވެ.

އަދި ކުރީގެ އެއްބަސްވުން މި ސަރުކާރުން އުވާލައި، ގޯތި ދިނުމުގެ އުސޫލަށް ބަދަލު ގެނައުމަށްފަހު، އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވައިލި އެއްބަސްވުމުގައި ސޮއިކުރުމަށް، ގޯތި ލިބުނު މީހުންނަށް މަޖުބޫރުވާގޮތަށް ސަރުކާރުން އަންގަމުންދާކަން އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ހިންގައި ނިމިފައިވާ މުއާމަލާތެއްގެ އެއްބަސްވުމެއް ސަރުކާރުން އަމިއްލައަށް އުވާލައި، އެއްބަސްވުމުގެ ޝަރުތުތަކާއި ދެފަރާތުގެ ދެމެދުގައި އެއްބަސްވާ ކަންކަން އަމިއްލައަމިއްލައަށް ކަނޑައެޅުމަށްފަހު، އެފަދަ ލިޔުމެއްގައި ސޮއިކުރުމަށް މަޖުބޫރު ކުރުމަކީ، ކޮންޓްރެކްޓާބެހޭ ގާނޫނާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ. އަދި އެކަމަކީ އެ މީހުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ސަރުކާރުން ކުރާ ކަމެއް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

އަދި އެއީ ރައްޔިތުންތަކެއްގެ ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ އަދި އިޖުތިމާއީ ހާލަތާ ސީދާ ގުޅިފައިވާ މުހިންމު ކަމެއް ކަމުގައިވީ ހިނދު ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ބުނެފައިވެއެވެ.

ގުޅިފަޅު -- ފޮޓޯ/ މިނިސްޓަރު މުއްތަލިބު

ގާނޫނާ ފުށުއަރާ ކަމަށް ބުނެ، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި ބިމާބެހޭ ގާނޫނުގެ 10ވަނަ މާއްދާގެ (ހ) ގައި ވަނީ، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ އަމިއްލަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ ބައިކޮށްފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

https://sun.mv/208278

އޭގެ އިތުރަށް އެ މާއްދާގެ (ނ)ގައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުން އެއްވެސް މީހަކަށް އެއްރަށުން އަނެއް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ދޫނުކުރެވޭނެ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވެނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް އެ މާއްދާގައިވެއެވެ.

ބިންވެރިޔާ ސްކީމަށް މީގެ ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ 'މާލެ ސަރަހައްދުން' އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް އައު އުސޫލުގެ ދަށުން އެއްބަސްވުމުގައި ވަނީ، 'މާލެ ސަރަހައްދު' އޮތް ތަން 'ރާއްޖޭގެ އެއްވެސް ސަރަހައްދު' ކަމަށް ބަދަލުކޮށްފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތައް ހަވާލު ކުރުމުގެ ކުރިން، އޭރު ހެދި އެއްބަސްވުމާ ފުށުއަރާ ގޮތަށް އައު އުސޫލެއް އާންމުކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ. އަދި އެ ގޯތިތައް ހަވާލު ކުރުމުގެ ކުރިން، އޭރު ހެދި އެއްބަސްވުމާ ފުށުއަރާ ގޮތަށް އާންމުކުރި އުސޫލު، ކުރިން އޮތް ގޮތަށް ބަދަލުނުކޮށްފިނަމަ، އެ މައްސަލައިގައި ގާނޫނީ ގޮތުން ދާންޖެހޭ ކޮންމެ ހިސާބަކަށް ދާނެ ކަމަށް ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް