އޭސީސީގެ އިސްވެރިން ބައިވެރިވި ކޮމިޓީ ސިއްރު، ސަބަބެއް ނޭނގޭ

އޭސީސީގެ ރައީސް އާދަމް ޝާމިލް ކޮމިޓީ ބައްދަލުވުމެއްގައި: ވަކި ސަބަބެއް ހާމަނުކޮށް އޭސީސީން ބައިވެރިވާ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ވަނީ ނިންމާފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިސްވެރިން ބައިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ އެޖެންޑާގައި އޮތީ އޭސީސީގެ މަސައްކަތްތައް ނިންމުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ކޮމިޓީއާ މަޝްވަރާކުރުމެވެ. ފާހަގަކުރެވޭ ގޮތުގައި މާލިއްޔަތު ކޮމިޓީން މި ބައްދަލުވުން ބާއްވަނީ އޭސީސީން އެދިގެންނެވެ.

ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުالله ޝަރީފެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހްމަދު އައިފާނެވެ. ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ނިންމީ ބައްދަލުވުން ސިއްރުކުރުމަށެވެ.

ކޮމިޓީގެ ބައްދަލުވުން ސިއްރުކުރާ ވަކި ސަބަބެއް ހާމައެއް ނުކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި އޭސީސީން ބަލާ މައްސަލަތައް ލަސްވެ، މައްސަލަތަކުގެ ތަހްގީގުތައް ދިގުލައިގެން ދާތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނަށް ފާޑުކިއުން އަމާޒުވެފައިވެއެވެ.

އޭސީސީ ހިންގަން ދައުލަތުން ކުރަނީ ބޮޑު ހޭދައެކެވެ. އެގޮތުން 2023 ވަނަ އަހަރު އެ ކޮމިޝަނަށް 50 މިލިއަން ރުފިޔާ ހޭދަ ކުރިއެވެ. މިދިޔަ 2024 ވަނަ އަހަރު 47 މިލިއަން ހަރަދު ކުރިއިރު މިއަހަރަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް އޮތީ ދީފައެވެ. ނަމަވެސް ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމާއި އިންސާފު ހޯދުމަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވެއެވެ.

comment ކޮމެންޓް