އއ. މާޅޮސް، އޯކިޑުމާގެ، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމުގެ މަރާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އަބްދުއްރަހްމާނުގެ ބޮލަށް ވަރަށް ރަހުމު ކުޑަ އަނިޔާތަކެއް ދިން ކަން އެނގިގެން ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔަކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ދަންވަރު 01:50 ހާއިރެވެ. މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށް އޭނާ މަރުވީ އިއްޔެ ފަތިހުގެ ވަގުތެއްގައެވެ.
ފުލުހުން އެ ރަށަށް ގޮސް އަންނަނީ އެ ހާދިސާ ތަހުގީގުކުރަމުންނެވެ.
ނަމަވެސް މިހާތަނަށް އެ ހަދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މިއަދު "ސަން"އަށް ބުންޏެވެ.
އިއްޔެ ފުލުހުން ބުނީ ތަހުގީގަށް ބޭނުންވަ ތަހުލީލުތައް ހެދުމަށާއި، ނިޔާވި ސަބަބު ދެނެގަންނަން ޕޯސްޓުމޯޓަމް ހަދަން، އަބްދުއްރަހްމާނުގެ ހަށިގަނޑު މާލެ ގެންނަން ނިންމައިފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ،ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދަން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް މިހާރު ނިންމަމުން އަންނަ ކަމަށެވެ.
އަބްދުއްރަހްމާނުގެ ދަރިފުޅު އަހްމަދު ނިމާލު އިއްޔެ "ސަން"އާ ވާހަކަދައްކަމުން ބުނޫ އޭނާގެ ބައްޕަ އަބްދުއްރަހްމާނާއި އެއްވެސް މީހަކާ ދެމެދު މައްސަަލައެއް ނުވަތަ ރުޅިވެރިކަމެއް އޮވެދާނެ ކަމަށް ޝައްކުނުކުރެވޭ ކަމަށެވެ.
އެ ރަށު މީހުން ބުނާ ގޮތުން ނަމަ އަބްދުއްރަހްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. އަދި، އޭނާއާމެދު ޒާތީ ހަސަދައެއް ނުވަތަ ނަފުރަތެއް އޮވެދާނެ މީހަކު ހުރެދާނެކަމަށް ފާހަގަނުވާކަމަށް ބުނެއެވެ.