ސްޓެލްކޯގެ ފްލެޓްތަކުގައި ދިރިއުޅޭ އެ ކުންފުނީގެ ކުރީގެ ބޯޑު މެންބަރުންތަކެއް ނުދައްކައި ހުރި ކުލީގެ އަދަދު ތިން ލައްކައަށް އަރާ ކަމަށާއި އެ މީހުންނަށް ފިޔަވަޅު އަޅަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
ސްޓެލްކޯގެ މުވައްޒަފުންތަކެއް ކުލި ނުދައްކާ މައްސަލަ ކެލާ ދާއިރާގެ މެންބަރު ޕީއެންސީ މެންބަރު އަބްދުالله ޝަރީފްވަނީ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ. ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ ފްލެޓްތަކަށް ކުލި ނުދައްކައިފިނަމަ، ފްލެޓް އެއްބަސްވުމުގެ އުސޫލާ އެއްގޮތަށް މުވައްޒަފުންގެ މުސާރައިން ކުއްޔަށް ވާ އަދަދު އުނިކުރާ ކަމަށާއި، އެކަމަކު އެ ކުންފުނީގެ ކުރީގެ އިސްވެރިންގެ އަތުން ކުލި ނުލިބޭ ކަމަށެވެ.
މި މައްސަލައިގައި އެ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދާރީ މޭޒުން އިއްވިގޮތުގައި 33 މީހުން އަދިވެސް ސްޓެލްކޯގެ ފްލެޓްތަކަށް ކުލި ނުދައްކައެވެ.
"އެހެންވީމާ އަޅުގަނޑަށް ފެންނަނީ މިހާ ބޮޑު ތަފާތުކުރުމެއް ގެންގުޅުމަކީ އެއީ ހަމަޖެހޭ ކަމަކަށް ނުވޭ، އެތާނގަ ކުޑަ މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރަ ކޮންމެ މަހަކު ނުދައްކައިފިއްޔާމު ކަނޑައޭ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ސްޓެލްކޯގައި ކުރިން މަސައްކަތްކުރެއްވި އިސް ބައެއް ބޭފުޅުންގެ ކުލި 300،000 ރުފިޔާއަށް އަރައިގެން ދާއިރު އެ ބޭފުޅުންނަށް ލުއި ދިނުމަކީ އިންސާފެއް ނޫން ކަމަށެވެ.
މި މައްސަލައަށް ކޮމިޓީގައި ވާހަކަ ދެއްކެވި ހަނިމާދޫ ދާއިރާގެ މެންބަރު އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މުވައްޒަފުންގެ އެއްބަސްވުމުގައި އޮންނަ ގޮތަށް އަމަލުކުރުމަކީ އެންމެ ރަނގަޅު އުސޫލު ކަމަށާއި، ކުލީގެ ގޮތުގައި ސްޓެލްކޯގެ ފްލެޓްތަކުން ލާރި ނުލިބޭ މައްސަލަ ހައްލުވާނީ ލާރިއަށް ވާ ގޮތް ސާފުކުރުމުން ކަމަށެވެ.
ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ވަނީ ސްޓެލްކޯގެ ފްލެޓްތަކަށް ކުލި ނުދައްކާ، އެ ކުންފުނީގެ ކުރީގެ އިސް މުވައްޒަފުންގެ ފްލެޓްތަކުން ކަރަންޓު ކަނޑާލުމަށް ގޮވާލައްވައިފައެވެ.
"މިސާލަކަށް ސްޓެލްކޯއިން ޚިދުމަތުން ވަކިވެފައި ހުންނަ ބޭފުޅަކަށް ދީފަ އޮންނަ ފްލެޓަކަށް ކުލި ނުދައްކާ ކަމުގަ ވަންޏާ ސްޓެލްކޯއިން އެތަނުގެ ކަރަންޓު ކަނޑާލެވޭނެ މިވަގުތުން މިވަގުތަށް،" އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވިގޮތުގައި ކުލި ނުދައްކާ މައްސަލައިގައި ސްޓެލްކޯއިން ފިޔަވަޅު ނާޅައިފިނަމަ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ސްޓެލްކޯއިން ހޯދަން ޖެހޭ ފައިސާގެ އަދަދު އިތުރުވާނެއެވެ. ސްޓެލްކޯއިން ބޭނުން ވެއްޖެ ނަމަ މިފަދައިން ފިޔަވަޅު އެޅޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެ މައްސަލައިގައި ޝަރީފް ހުށަހެޅުއްވީ ސްޓެލްކޯގެ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ފިޔަވަޅު އެޅުމަށާއި، ކޮންޓްރެކްޓާ ޚިލާފުވެއްޖެ ނަމަ ކޮންޓްރެކްޓް ބާތިލްކުރުމަށް އެންގުމަށެވެ. ޝަރީފްގެ ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވަނީ ތާއީދުކުރައްވައިފައެވެ. ކޮމިޓީން ނިންމީ ޝަރީފްގެ ހުށަހެޅުން ބަލައިގަތުމަށެވެ.
ސްޓެލްކޯގެ ފްލެޓުތައް މުވައްޒަފުންނާ ހަވާލުކުރީ އޮގަސްޓް 6، 2022 ގައެވެ. އެ ކުންފުނިން ފްލެޓްތަކަށް ޖުމްލަ 692 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، މުވައްޒަފުން އަތުން ނަގަން ނިންމީ 623 މިލިއަން ރުފިޔާއެވެ.
އެ ފްލެޓްތަކުގެ އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ 5،622 ރުފިޔާއަށެވެ. އަދި މެއިޑް ރޫމް ހިމެނޭ ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ 10،356 ރުފިޔާ އާއި 10،652 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ.
ސްޓެލްކޯގެ ދެ ޓަވަރުގައި އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓު ހިމެނެއެވެ. އެއީ ޖުމުލަ 360 ފުލެޓެވެ.