ބޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނޭ ރަންވީރު ސިންގް އަދި ކުރީގެ އެކްޓަރު ބޮބީ ޑިއޯލް ވަރަށް ވަރުގަދަ ފިލްމީ ޕްރޮޖެކްޓަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ވަރަށް ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް އުފައްދަން ނިންމާފައިވާ މި ފިލްމަކީ މީގެކުރިން ދެ އެކްޓަރުން ވެސް ކުޅެފައިނުވާ ބެލުންތެރިން ހައިރާންކޮށްލާނެ ކެރެކްޓާތަކުން ދެ ތަރިން ފެންނާނެ ޕްރޮޖެކްޓެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމުގައި ރަންވީރުއާއި ބޮބީ ކުޅޭ ކެރެކްޓާއަށް ތައްޔާރުވުމުގެ ގޮތުން ދެ ތަރިންގެ ހަށިގަނޑަށް ވެސް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ޚަބަރުތައް ބުނެއެވެ. އެހެންވެ އެ ކެރެކްޓާއަށް ފެތޭނެ ގޮތަކަށް ހަށިގަނޑު ބައްޓަންކުރަން ބޭނުންވާ ތަމްރީނުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ރަންވީރާއި ބޮބީ ވަރަށް އަވަހަށް ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "އެނިމަލް"ގެ މަންޒަރެއްގައި ބޮބީ ޑިއޯލް--ފޮޓޯ/ޕިންކްވިލާ
ފިލްމު "އެނިމަލް"ގައި ރަންބީރު ކަޕޫރާ އެކު ބޮބީ ޑިއޯލް ކުޅުނު ރޯލަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު ރަންވީރާ އެކު ބޮބީ ފެންނާނީ ކޮންކަހަލަ ކެރެކްޓާއަކުންތޯ ބަލަން ބެލުންތެރިން ތިބީ ތައްޔާރަށެވެ.
މި ޕްރޮޖެކްޓުގައި މަސައްކަތްކުރާ ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ރަންވީރާއި ބޮބީ މި ޕްރޮޖެކްޓަށް ތައްޔާރުވަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެފައިވާ ކަމަށެވެ. މި ފިލްމާ ގުޅޭ މައުލޫމާތުތައް ސިއްރުކޮށްފައިވާއިރު މިއީ ކޮން ޕްރޮޑަކްޝަން ކުންފުންޏަކުން ގެނެސްދޭ ފިލްމެއްކަން ވެސް ވަނީ ސިއްރުކޮށްފައެވެ.
ރަންވީރު ސިންގް ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ފިލްމު "ދުރަންދާރު"ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނާ ހިއްސާކޮށްފައިވާއިރު ބޮބީ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ތެލުގޫ ފިލްމު "ހަރި ހަރާ ވީރާ މައްލޫ"އިންނެވެ.
މީގެ އިތުރުން ބޮބީ އަންނަނީ ބަތަލާ އާލިއާ ބަޓް ލީޑް ރޯލް ކުޅޭ ވައިއާރްއެފްގެ ފިލްމު "އަލްފާ"ގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހެވެ.