ގަވައިދުން ޖަލްސާތައް ނުބާއްވާ މައްސަލަ ބޮޑު، ވަކި ސަބަބެއް ނާންގާ މިއަދު ވެސް ޖަލްސާ ނުބޭއްވި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ވަކި ސަބަބެއް ނާންގާ މިއަދު ވެސް ޖަލްސާ ނުބޭއްވި -- ފޮޓޯ/ މަޖިލިސް

ވަކި ސަބަބެއް ނާންގާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބާއްވައި ކެންސަލްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ.

'ސަން' އާ ވާހަކަދެއްކި ބައެއް މެންބަރުން ބުނި ގޮތުގައި މިއަދުގެ ޖަލްސާ ނުބާއްވާ ސަބަބެއް އަންގާފައެއް ނުވެއެވެ. ބައެއް މެންބަރުން ވެސް ގަބޫލުކުރައްވާ ގޮތުގައި ގަވައިދުން ޖަލްސާތައް ނުބާއްވައި، ވަކި ސަބަބެއް ނާންގާ ކެންސަލެއް ނުކުރެވޭނެއެވެ.

"މަޖިލީހުގެ ރައީސްގެ އަރިހުން އަހާލަން ޖެހޭނީ ޖަލްސާ ނުބޭއްވީ ކީއްވެތޯ؟ ޖަލްސާ ނުބާއްވާ ސަބަބެއް އެއްގޮތަކަށް ވެސް ނޭނގޭ،" މެންބަރަކު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ޖަލްސާތައް ބާއްވަން ޖެހޭ ދުވަސްތަކުގައި ގިނަ ޖަލްސާތަކެއް ކެންސަލްކުރިއެވެ.

އެ މައްސަލައިގައި އޭރު ވެސް ގިނަ މެންބަރުން ބުނީ ޖަލްސާ ނުބާއްވަނީ އެޖެންޑާ ކުރާނެ ވަކި މަސައްކަތެއް ނެތުމުން ކަމަށެވެ.

މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާތައް ސަބަބެއް ނާންގާ ކެންސަލްކުރާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

https://sun.mv/206841

އެކަމަކު، މަޖިލީހުގެ ރިޔާސަތުން އޭރު ވަނީ ޖަލްސާތައް ކެންސަލްކުރަނީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަމަށާއި ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ. މިދިޔަ ދައުރުގެ ޖަލްސާތަކެއް ކެންސަލްކުރި ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އޭރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގިނަ މެންބަރުންތަކެއް ބަހުސްކުރުމުގެ ފުރުސަތަށް އެދިއެދި ތިއްބައި ޖަލްސާ ކުރުކޮށްލައި، ނިންމާލާފައި ވެސް އެބަހުއްޓެވެ.

މަޖިލީސް މެންބަރުންގެ މުސާރައާ އެކަށިގެންވާ މަސައްކަތެއް އެ މެންބަރުން ނުކުރާ ކަމަށް ބުނެ އާންމުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ. އެ ގޮތުން މެންބަރުންނަށް ލިބޭ 82،500 ރުފިޔާގެ މުސާރަ މާ ބޮޑު ކަމަށް ބުނެ، އެ މުސާރަ ކުޑަކުރަން ގޮވާލައި ޕެޓިޝަނެއްގައި ވެސް ބައެއް މީހުން ސޮއިކުރިއެވެ.

comment ކޮމެންޓް