އެކްސިޑެންޓުވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުން ނަގައިފި، އަދިވެސް އައިސީޔޫގައި

އެކްސިޑެންޓު ހިނގި ސަރަހައްދު: އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުން ނަގައިފި، އަދި ވެސް ފަރުވާދެނީ އައިސީޔޫގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މިދިޔަ އާދިއްތަދުވަހުގެ ރޭ މާލޭގައި ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ސީރިއަސް އަނިޔާތަކެއް ލިބުނު 40 އަހަރުގެ މީހާއަށް ވެންޓިލޭޓަރުން ނަގައިފިއެވެ.

އާދިއްތަ ދުވަހުގެރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެތަނުގައި އޮންނަ ކަފިރި ހުރަސް މަތިން މަގު ހުރަސް ކުރި 40 އަހަރުގެ މީހެއްގެ ގައިގައި ޖެހި، އަނެއް ފަރާތުން ދުއްވި ލޮރީއެއްގައި ޖެހުނެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި 40 އަހަރުގެ މީހާގެ ސިކުނޑިއަށް ވަނީ ލޭއެޅިފައެވެ.

ކަފިހި ހުރަސް މަތިން ދިޔައީ ކަސްރަތަށް ދުވަން އުޅުނު މީހެކެވެ. އޭނާ ދިޔައީ ވިއްސައިގެން ދުރަށެވެ. ސައިކަލުގައި ތިބި 16 އަހަރާއި، 17 އަހަރުގެ ދެކުދިން ލޮރީ ދަށުވީއެވެ. އެ ތިން މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނެވެ.

ނަމަވެސް، އޭގެ ތެރެއިން 17 އަހަރުގެ ކުއްޖާ އެރޭ ވަނީ މަރުވެފައެވެ. އެއީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދެވެ.

https://sun.mv/208555

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އަނިޔާވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުން ނެގި ނަމަވެސް އޭނާއަށް އަދި ވެސް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާގެ މޫނުގެ ކަށިތައް ފްރެކްޗާވެ، ސިކުނޑިއަށް ލޭ އެޅި ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.

މި ހާދިސާގައި ދެން އަނިޔާވީ 16 އަހަރުގެ ކުއްޖަކަށެވެ.

އެ ކުއްޖާ ވޯޑުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ހޮސްޕިޓަލަކުން ނުދެއެވެ.

https://sun.mv/208718
މި ފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރެވެ. އޭގެ ތެރޭގައި ކަފިހި ހުރަސް މަތިން މީހުން ހިނގައިފައި ދަނިކޮށް، އުޅަނދުތަކުން ޖެހި އަނިޔާވާ މައްސަލަތައް ވެސް ގިނައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ހަ މަސް ތެރޭ މާލެއާއި ބުރިޖުގައި 1،101 އެކްސިޑެންޓު ހިނގާފައިވެއެވެ. އޭގެ ތެރެއިން 61 ހާދިސާގައި ސީރިއަސް އަނިޔާތައް އެކި މީހުންނަށް ލިބިފައިވެއެވެ.

comment ކޮމެންޓް