އެކްސިޑެންޓުވި 16 އަހަރުގެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފި، 40 އަހަރުގެ މީހާ އަދިވެސް އައިސީޔޫގައި

އެކްސިޑެންޓު ހިނގި ސަރަހައްދު: އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ގެއަށް ދޫކޮށްލައިފި -- ސަން ފޮޓޯ/ މޫސާ ނަދީމް

މިދިޔަ އާދިއްތަދުވަހުގެ ރޭ މާލޭގައި ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، އަނިޔާވި 16 އަހަރުގެ ކުއްޖާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

މި ކުއްޖާއަކީ އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައި އިން ކުއްޖެކެވެ. އޭނާއަށް ފަރުވާ ދިނީ އައިޖީއެމްއެޗްގެ ވޯޑުގައެވެ. އެ ހޮސްޕިޓަލުން މިއަދު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، އެ ކުއްޖާ ފަރުވާއަށްފަހު އިއްޔެގެ ވަގުތެއްގައި ގެއަށް ދޫކޮށްލާފައި ވާކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާއަކީ ކަފިހިހުރަސްމަތިން ދިޔަ މީހެކެވެ. އެކްސިޑެންޓު ހިނގީ އޭނާ ކަސްރަތަށް ދުވަން ނުކުމެ އުޅެނިކޮށެވެ.

https://sun.mv/208671

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އަނިޔާވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުން ނެގި ނަމަވެސް އޭނާއަށް އަދި ވެސް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާގެ މޫނުގެ ކަށިތައް ފްރެކްޗާވެ، ސިކުނޑިއަށް ލޭ އެޅި ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު ވަނީ އެރޭ މަރުވެފައެވެ. އަލްސަން އަކީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދު: އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ގެއަށް ދޫކޮށްލައިފި -- ސަން ފޮޓޯ/ މޫސާ ނަދީމް

މި ފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރެވެ. އޭގެ ތެރޭގައި ކަފިހި ހުރަސް މަތިން މީހުން ހިނގައިފައި ދަނިކޮށް، އުޅަނދުތަކުން ޖެހި އަނިޔާވާ މައްސަލަތައް ވެސް ގިނައެވެ.

https://sun.mv/208718

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ހަ މަސް ތެރޭ މާލެއާއި ބުރިޖުގައި 1،101 އެކްސިޑެންޓު ހިނގާފައިވެއެވެ. އޭގެ ތެރެއިން 61 ހާދިސާގައި ސީރިއަސް އަނިޔާތައް އެކި މީހުންނަށް ލިބިފައިވެއެވެ.

މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ސައިކަލު ދުއްވާ މީހުން ޒިންމަދާރު ކުރުވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅަން އިއްޔެ މަޖިލީހަށް ވަނި ބިލެއް ހުށަހަޅާފައެވެ.

https://sun.mv/208790

މި އިސްލާހު ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

comment ކޮމެންޓް