އެކްޓަރު ރަންވީރު ސިންގް ލީޑް ރޯލް ކުޅެން ހަމަޖެހިފައިވާ ފިލްމު "ޑޮން 3"ގެ ކާސްޓުން އެކްޓަރު ވިކްރާންތު މަސީ ވަކިވެއްޖެ ކަމަށް ބޮލީވުޑް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމުގައި ބަތަލާގެ ރޯލަށް ގެންނަން ނިންމި ކިއާރާ އަދުވާނީ ވެސް އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން ފިލްމުން ވަކިވި ކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފައެވެ.
ކިއާރާގެ ބަދަލުގައި އެ ރޯލަށް ބަތަލާ ކްރިތީ ސެނޮން ގެނައުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ފަހުގެ ރިޕޯޓުތައް ބުނިއިރު މި ފްރެންޗައިސްގެ ކުރީގެ ދެ ފިލްމުން ވެސް ފެނުނު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެނބުރި ފިލްމުގެ ކާސްޓާ ގުޅެން ނިންމި ކަމަށް ވެސް ދާދިފަހުން ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ.
ފިލްމު "ޑޮން 3"އިން ވިކްރާންތު ވަކިވީ ފިލްމުގައި އޭނާ ކުޅޭ ނެގެޓިވް ރޯލަށް ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހޭތީ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެވޭނެކަމުގެ ޔަގީންކަން ނެތުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ޑޮން 3"ގެ ލީޑް ރޯލަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ބޮލީވުޑް އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/އެންޑީޓީވީ
ފިލްމުގެ ވިލެންގެ ރޯލްއިން ވިކްރާންތު ވަކިވުމާ ގުޅިގެން އެ ރޯލަށް ދެން ގެންނާނީ ކޮން ތަރިއެއްކަން ހާމަކޮށްފައިނުވާއިރު ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުންސްތާން ޓައިމްސްގައި ބުނެފައި ވަނީ ސައުތު ސިނަމާގެ އެކްޓަރު ވިޖޭ ދެވެރަކޮންދާ "ޑޮން 3"އަށް ގެނައުމުގެ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.
ބެލުންތެރިންގެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ "ޑޮން 3"ގެ ކާސްޓަށް މިވަގުތަށް ހަމައެކަނި ކަށަވަރުވެފައިވާ ތަރިއަކީ ރަންވީރު ސިންގް އާއި ބަތަލާ ކިއާރާ އަދުވާނީކަން ފިލްމުގެ ޑައިރެކްޓަރު ފަރުހާން އަހްތަރު ވެސް ވަނީ މީގެކުރިން ކަށަވަރުކޮށްދީފައެވެ.
ބަތަލާ ކިއާރާ ބަލިވެއިނުމާ ގުޅިގެން ފިލްމަށް އަދި ވަގުތު ދެވެން ނެތްކަން އަންގާފައިވާއިރު ފިލްމު ވަކިވިކަން ވެސް ރަސްމީކޮށް އިއުލާނުކޮށްފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގެ ޝޫޓިންގް އަންނަ އަހަރު ފަށަން ތާވަލުކޮށްފައިވާތީ ކިއާރާ ކުޅެން ހަމަޖެހިފައިވާ ރޯލްއިން ބަތަލާ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ހިންދުންސްތާން ޓައިމްސްގައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.
މި ފިލްމަކީ އެކްޓަރު އަދި ޑައިރެކްޓަރު ފަރުހާން އަހްތަރުގެ އަމިއްލަ ފިލްމު ކުންފުނި އެކްސަލް އެންޓަޓެއިންމަންޓުން ގެނެސްދޭ ފިލްމެކެވެ.