މިނިސްޓަރު ސައީދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބައްޕާފުޅު, އަދި ދިވެހި ދައުލަތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ, ސައީދު އަބްދުالله ރޭ އަވަހާރަވެއްޖެއެވެ.

ސައީދު އަބްދުالله އަވަހާރަވީ، ރޭ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިނިސްޓަރު ސައީދުގެ ލޮބުވެތި ބައްޕާފުޅު، ސައީދު އަބްދުﷲ، ވިނަރެސް / ހއ. ތުރާކުނު، އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކު ކަމަށެވެ.

އަދި މަރުހޫމް ސައީދު އަބްދުﷲއަކީ ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ގަދަރުވެރި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ޚުލްގު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްސިއްޔަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވައިފައެވެ.

މިނިސްޓަރު ސައީދުގެ ބައްޕާފުޅަކީ ކަތީބެއްގެ ގޮތުގައި ދައުލަތަށް ޚިދުމަތް ކޮށްދެއްވި ބޭފުޅެކެވެ.

comment ކޮމެންޓް