ހުޅުމާލޭގައި އިމާރާތްކުރާ ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކައި ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، އަދިވެސް ގިނަ ބަޔަކަށް އިންސާފު ނުލިބި ދިގުލައިގެން ދާތީ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށްޓަކައި ގަރާރެއް ހުށަހަޅައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރުގައި ބުނީ، ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް ގަތުމަށްޓަކައި އެއްބަސްވުމުގައި ގިނަ ބަޔަކު ސޮއިކޮށް ޑައުން ޕޭމަންޓް ދައްކައި ބައެއް މީހުން ފްލެޓުގެ ޖުމްލަ އަގު ދައްކާފައިވީ ނަމަވެސް، ކޭޕާކް ރެޒިޑެންސްގެ މަޝްރޫއުގެ މަސައްކަތް ނުނިމި އެތައް އަހަރެއް ފާއިތުވެ ގޮސްފައިވާ ކަމަށެވެ.
ގަރާރުގައި ބުނީ، ކޭޕާކް ރެޒިޑެންސް މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން އެންމެ ފްލެޓެއް އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކުމަށް އެއްބަސްވެފައިވާ ކަމަށާއި، ފްލެޓު ވިއްކުމުގެ ނަމުގައި ގިނަ މީހުން އަތުން ފައިސާ ނަގާފައިވާ ކަން ވެސް އެނގެން އެބައޮތް ކަމަށެވެ.
މީގެ އިތުރުން، ފްލެޓުތައް ދޭނެ ފަރާތެއް ކަނޑަނޭޅި ލަސްވުމުގެ ސަބަބުން ފްލެޓުތައް ގަންނަން ފައިސާ ދެއްކި މީހުންގެ ހައްގުތައް ރައްކާތެރިކުރެވޭނެ ކަމުގެ ޔަގީންކަން ކުޑަވަމުންދާ ކަމަށާއި، ފައިސާ ދެއްކުމަށް ފަހު ފްލެޓުތައް ނުލިބި ދިގުލައިގެން ލަސްވަމުން ދާތީ މާލީ ގޮތުން އެ މީހުންނަށް ގެއްލުންވެ، އެ ފައިސާ އެ މަޝްރޫއުގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އެހެން މަޝްރޫއަކުން ފްލެޓެއް ގަތުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށް، ގަރާރުގައި ބުނެފައިވެއެވެ.
ހަމަ އެހެންމެ، ފްލެޓެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތުމަކީ އެހެން ފްލެޓެއް ނުލިބޭނެ ސަބަބެއް ކަމަށް ،އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނާތީ، ކޭޕާކް ރެޒިޑެންސް މަޝްރޫއުން ފްލެޓުތައް ގަތުމަށް އެއްބަސްވުމުގައި ސޮއިކުރި މީހުންނަށް، ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކަށް ފޯމު ހުށަހަޅަން ހުރަސްއެޅިފައިވާ ކަން ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.
ގަރާރުގައި ބުނީ، މި މައްސަލައަށް ހައްލެއް ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވަކިވަކިން ސިޓީ ފޮނުވައި އާދޭސްކުރަމުން ދިޔަ ނަމަވެސް، އެއްވެސް އިދާރާއަކުން އެކަށީގެންވާ ޖަވާބެއް ނުދޭނެ ކަމަށެވެ.
މި ކަމަކީ ގިނަ ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމަކަށް ވާތީ، އަދި ބޯހިޔާވަހިކަމުގެ ދަތިކަމަކީ އިޖުތިމާއީ މައްސަލަތަކެއްގެ އަސްލެއް ކަމަށް ވާތީ، ފްލެޓުތައް ހަވާލުކުރުން ލަސްވާ ނަމަ ފްލެޓުތައް ގަތް އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވެގެން ދިއުމުގެ ނުރައްކާ ބޮޑު ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި، މައްސަލައަށް އިންސާފުނުލިބި ދިގުލައިގެން ދާތީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެއެވެ.
އާންމުންގެ ފަރާތުން 50 ސޮޔާއެކު އިބްރާހީމް ނަސީމް ރިޒާގެ ނަމުގައި ހުށަހަޅާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުން، ކޭޕާކް ރެޒިޑެންސްގެ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ޒިންމާ ނަގަން އިންކާރުކޮށް، މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ.
ކޭޕާކް ރެޒިޑެންސާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި އެތެރޭގެ ރިވިއުތަކެއް ހަދާނެ ކަމަށް އެޗްޑީސީން ބުނި ކަމަށާއި، ނަމަވެސް ދެ އަހަރު ވީއިރު މި މައްސަލައަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް، އެ ސިޓީގައި ބުނެފައިވެއެވެ.
އެހެންވެ މިކަމުގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް އާއިލާއަކަށް ކޮށްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން މާލީ، ގާނޫނީ އަދި ނަފުސާނީ ދަތިތަކާ އާއިލާއިން ކުރިމަތިލާން ޖެހިފައިވާ ކަމުގައި އެ ސިޓީގައި ވެއެވެ.
ކޭ ޕާކް ރެޒިޑެންސް ރަސްމީކޮށް އިފުތިތާހުކުރީ 2016ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފަހުން އެ ފުލެޓުތައް ނިންމަން ތަފާތު ތާރީޚުތައް ދިން ނަމަވެސް އެ ތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ.
އެ އިމާރާތުގެ މަސައްކަތް ކުރި ހަންބޯ ކުންފުނިން 2023ވަނަ އަހަރު ބުނެފައި ވަނީ، ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށެވެ. އެ ތުހުމަތުތައް ރައްދުވީ އެ ކުންފުނީގެ މައިނޯރިޓީ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ)އަށެވެ.
ކޭޕާކުގެ މައްސަލަ ހަންބޯ ކުންފުންޏާއެކު އެޗްޑީސީން ވަނީ ފުލުހަށް މީގެ ކުރިން ހުށަހަޅައިފައެވެ. އަދި ކޭޕާކު ރެޒިޑެންސްގެ ފްލެޓުތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިއުންތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ފުލުހުން ދަނީ ތަހްގީގުކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން މަމްދޫހާއި އޭނާ އާ އެކު މަސައްކަތްކުރި ކަމަށް ތުހުމަތުވާ ޖައިޝާން ސައީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 30ގައެވެ. އެ މައްސަލައިގައި ދައުލަތުން މަމްދޫހުގެ މައްޗަށް 100އަށް ވުރެ ގިނަ ދައުވާ، އަދި ޖައިޝާންގެ މައްޗަށް 98 ދައުވާއެއް ކުރެއެވެ.