ހުޅުމާލޭގައި އިމާރާތްކުރާ ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ގެއްލުން ލިބުނު މީހުންނަށް އިންސާފު ހޯދައިދިނުމަށް މިދިޔަ ސަރުކާރަށް ވަރަށް ބޮޑު ފުރުސަތެއް ލިބުނު ކަމަށާއި، ނަމަވެސް ފެނުނީ އެ މަޝްރޫއުގެ ވެރިންނަށް ހިމާޔަތްދިން މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ކޭޕާކް މައްސަލައިގައި ގިނަ ބަޔަކަށް އިންސާފު ނުލިބި ދިގުލައިގެން ދާތީ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށްޓަކައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ވެސް ލީޑަރު ފަލާހު ވިދާޅުވީ، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އެންމެ ރަނގަޅު ފުރުސަތު ލިބުނީ ނިމިދިޔަ ސަރުކާރުގައި ކަމަށެވެ.
"...ދެން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ކޭޕާކުގެ ވެރިންނަށް އެމްޑީޕީގެ ވެރިކަމުގަ ވަރަށް ބޮޑު ހިމާޔަތާއި ރައްކާތެރިކަން ދީ، ކޭޕާކުގެ ވެރިންގެ ގޮތުގައި ތިބި ބޭފުޅުން އެމްޑީޕީގެ ވެރިންގެ ރަހުމަތްތެރިންގެ ގޮތުގައި އުޅުނު މަންޒަރު،"

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް: އޭނާ ވިދާޅުވީ، ފެނުނީ ކުރީ ސަރުކާރުން ފިޔަވަޅު ނާޅައި ކޭޕާކުގެ ވެރިންނަށް ހިމާޔަތްދިން މަންޒަރު ކަމަށް -- ފޮޓޯ/ މަޖިލީސް
ފަލާހު ވިދާޅުވިގޮތުގައި ކޭޕާކް ފްލެޓުތަކުގެ މައްސަލައަށް ހައްލު ހޯދައިދޭނީ މި ސަރުކާރުންނެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް އެއްވެސް ބޭފުޅަކު ހާޒިރުކުރާ ނަމަ، ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުالله ޔާމީނާއި އިބްރާހީމް މުހައްމަދު ސޯލިހު ހާޒިރުކުރަން ޖެހޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"މި މައްސަލައިގައި ދެންވެސް މިއީ ރައްޔިތުންގެ މަޖިލީހާ ގުޅުން އޮވެގެން މި ތަނުން ހައްލުކުރާ މައްސަލައެއް ކަމަށް ވަންޏާ، މި ތަނަށް ހާޒިރުކުރަންވީ ފުރަތަމަ މި މައްސަލަ ފެށި އޭރު ވެރިޔަކަށް ހުރި ރައީސް ޔާމީނާއި، މިދިޔަ ވެރިކަމުގެ ރައީސަކަށް ހުރި އިބްރާހީމް މުހައްމަދު ސޯލިހާ ދެ ބޭފުޅުން،"
ކޭޕާކް މަޝްރޫއުގެ ތެރެއިން ކުރީގެ ރައީސް ޔާމީން ފައިސާ ނަންގަވާފައިވާކަމަށް ތުހުމަތު ކުރައްވައި ފަލާހު ވިދާޅުވި، ޔާމީން ނެންގެވީ ކިހާ ފައިސާއެއްތޯ ސުވާލުކުރަން ޖެހޭކަމަށެވެ. ހަމަ އެފަދައިން، މިދިޔަ ސަރުކާރުގެ ވެރިން ވެސް ކޭޕާކް ވެރިންގެ އަތުން ނެގީ ކިހާ ފައިސާއެއްތޯ ސުވާލުކުރަން ޖެހޭކަމަށް ފަލާހު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރުގައި ވަނީ، މި ކަމަކީ ގިނަ ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމަކަށް ވާތީ، އަދި ބޯހިޔާވަހިކަމުގެ ދަތިކަމަކީ އިޖުތިމާއީ މައްސަލަތަކެއްގެ އަސްލެއް ކަމަށް ވާތީ، ފްލެޓުތައް ހަވާލުކުރުން ލަސްވާ ނަމަ ފްލެޓުތައް ގަތް އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވެގެން ދިއުމުގެ ނުރައްކާ ބޮޑު ކަމަށެވެ.
ފާހަގަކުރެވޭ މި މައްސަލައިގައި މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް މެމްބަރު މުހައްމަދު އިބްރާހީމް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅުއްވާފައެވެ.
ކޭ ޕާކް ރެޒިޑެންސް ރަސްމީކޮށް އިފުތިތާހުކުރީ 2016ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފަހުން އެ ފުލެޓުތައް ނިންމަން ތަފާތު ތާރީޚުތައް ދިން ނަމަވެސް އެ ތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ.