މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު އއ. މާޅޮހުގައި މަރާލި އެ ރަށު އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިރޭ ރާއްޖެ ގެނެސްފިއެވެ.
އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހެވެ.
ފުލުހުން މިރޭ ބުނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު، މިރޭ 19:50ކަށްހާއިރު އޭނާގެ ހަށިގަނޑު މާލެ ގެނެސް މިހާރު މޯޗަރީއަށް ލާފައިވާ ކަމަށެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނުގެ ބޮލަށް ވަރަށް ރަހުމު ކުޑަ އަނިޔާތަކެއް ދިން ކަން އެނގިގެން ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ 13 ވަނަ ދުވަހުގެ ދަންވަރު 01:50 ހާއިރެވެ. މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށް އޭނާ މަރުވީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
އަބްދުއްރަހްމާންގެ ގާތިލް ހޯދުމަށް ތަހުގީގުގެ ތެރެއިން މަސައްކަތްކުރަމުން ދާ ކަމަށް ވެސް ފުލުހުން މީގެ ކުރިން ބުންޏެވެ.
އަބްދުއްރަހްމާނުގެ ދަރިފުޅު އަހްމަދު ނިމާލު "ސަން"އަށް ބުނީ، އޭނާގެ ބައްޕައާއި އެއްވެސް މީހަކާ ދެމެދު މައްސަަލައެއް ނުވަތަ ރުޅިވެރިކަމެއް އޮވެދާނެ ކަމަށް ޝައްކުނުކުރެވޭ ކަމަށެވެ.
އެ ރަށު މީހުން ބުނާ ގޮތުން ނަމަ އަބްދުއްރަހްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. އަދި، އޭނާއާމެދު ޒާތީ ހަސަދައެއް ނުވަތަ ނަފުރަތެއް އޮވެދާނެ މީހަކު ހުރެދާނެކަމަށް ފާހަގަނުވާކަމަށް ބުނެއެވެ.