ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް, ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިދިޔަ މަހުގެ 19 އިން ފެށިގެން އޮތީ ޗުއްޓީގައެވެ. ނަމަވެސް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ބިލާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް ނެގުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ބިލާ ގުޅިގެން ދައުރުން ބޭރުން މިހާތަނަށް ވެސް ދެ ޖަލްސާއެއް ވަނީ ބާއްވައިފައެވެ. އަދި އެ ދެ ބިލުގެ މަސައްކަތަށް ގިނަ ކޮމެޓީތަކެއް ވެސް ވަނީ ބާއްވައިފައެވެ.
މަޖިލީހުގެ ފުލް މެޖޯރިޓީ އޮތް, ޕީއެންސީގެ މެންބަރަކާއި އިދިކޮޅު އެމްޑީޕީގެ މެންބަރަކު ވެސް ވަނީ އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު, ދައުރުން ބޭރު ދެ ޖަލްސާ ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދި އެޖެންޑާ ނުލިބޭތީ އެ ދެ ޖަލްސާ ބާއްވަނީ ސީދާ ކޮން ކަމަކަށް ކަމެއް ވިދާޅުވާކަށް އެ މެންބަރުންނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.
މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ރައީސަށް ލިބޭގޮތަށް އޮތް ބިލާ ދެކޮޅަށް ނޫސްވެރިންނާއި ސިޔާސީ މީހުން ހިމެނޭގޮތަށް އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް ސަރުކާރާއި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވެސް ވަނީ އެ ބިލް ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފައެވެ.
ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަން މަސައްކަތް ކުރާއިރު ރަސްމީކޮށް މަޖިލީހުގެ މަސައްކަތްތައް ފެށޭނީ އަންނަ މަހުގެ ތެރޭގައެވެ.