އިންގްލިޝް ޕްރިމިއާ ލީގުގެ ބްރެންޓްފަޑްއަށް ކުޅެމުންދިޔަ ކެމަރޫންގެ ފޯވާޑް ބްރަޔަން އެމްބެއުމޯ އެ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
އެމްބެއުމޯ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 65 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އިތުރު އެއް އަހަރު އިތުރު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފާވެއެވެ.
މިއީ އާ ސީޒަނަށް ޔުނައިޓެޑުން އެޓީމަށް ގެންދިޔަ ތިންވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ޓީމުން ވަނީ މެތުއަސް ކޫންޔާ އާއި ޑިއެގޯ ލެއޮން އެ ޓީމަށް ގެންގޮސްފައެވެ.
އުމުރުން 25 އަހަރުގެ އެމްބެއުމޯ ޔުނައިޓެޑަށް މިގެންދެވުނީ އެ ޓީމުން އޭނާ ގެންދިއުމުގެ މަސައްކަތް ފެށިތާ ހަތް ހަފްތާ ފަހުންނެވެ. ބްރެންޓްފަޑް އިން ވަނީ ޔުނައިޓެޑުން އެންމެ ފުރަތަމަ ހުށަހެޅި ދެ ބިޑްވެސް ބަލައި ނުގެންފައެވެ. އަދި އެންމެ ފަހުން ދެ ޓީމުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވަނީ ތިންވަނަ ބިޑަކާއެކުއެވެ.
ޔުނައިޓެޑަށް ސޮއި ކުރުމަށްފަހު އެމްބައުމޯ ފާހަގަ ކުރިގޮތިގައި އޭނާއަށް މިފަހަރު މިއާދެވުނީ އޭނާ އެ ޓީމަކަށް ކުޅުމުގެ ހުވަފެން ދެކެމުން އައި ކްލަބަކަން ކަމަށެވެ. އަދި ޔުނައިޓެޑަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަން އެނގުމާއެކު އެ ފުރުސަތުގެ ބޭނުން އޭނާ ހިފަން ބޭނުންވި ކަމަށާއި އެންމެ ފަހުން އޭނާ ކުޑައިރު އެ ޓީމެއްގެ ޖާޒީ ލައިގެން އުޅުނު ޔުނައިޓެޑަށް ބަދަލުވުމުން ވަރަށް އުފާވާ ކަމަށެވެ.
އެމްބެއުމޯ ބުނީ އޭނާ އަބަދުވެސް މަސައްކަތް ކުރަނީ އޭނާ ކުރިން ހުރިވަރަށް ވުރެ ރަނގަޅަށް ކުޅެވޭތޯ ކަމަށާއި އަދި ޔުނައިޓެޑްގައި ކޯޗު ރުބެން އަމޮރިމްގެ ބެލުމުގެ ދަށުން އިތުރު ލެވެލްއަކަށް އޭނާގެ ކުޅުން ގެންދިއުމަށް މަސައްކަތް ކުރާނެކަމަށެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ޓްރޮޔޭސްއިން ބްރެންޓްފަޑްއަށް ސޮއިކުރި އެމްބެއުމޯ ވަނީ ބްރެންޓްފަޑްއަށް ކުޅުނު 242 މެޗުގައި 70 ލަނޑު ކާމިޔާބު ކޮށްދީ 51 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އަދި ނިމިދިޔަ ސީޒަންގައި އެމްބެއުމޯ ވަނީ ޕްރިމިއާ ލީގުގައި 20 ލަނޑު ޖަހައިދީ ހަތް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
އެމްބެއުމޯގެ ވިޔަފާރިއަކީ ބްރެންޓްފަޑްގެ ތާރީހްގައި އެ ކްލަބުން އެންމެ އަގުބޮޑުކޮށް ވިއްކާލި ކުޅުންތެރިޔާއެވެ. މީގެ ކުރިން އެންމެ އަގުބޮޑުކޮށް ވިއްކާލާފައިވަނީ 2024 ވަނަ އަހަރު 40 މިލިއަން ޕައުންޑަށް އިވާން ޓޯނީއެވެ. ބްރެންޓްފަޑް އިން ފަރާތުންވަނީ އެމްބައުމޯ އެ ޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށް ކުރިއަށް އޮތް ތަނުގައި އެމްބެއުމޯގެ ކެރިއަރުގައި އޭނާއަށް ކާމިޔާބީއަށް އެދޭކަން ފާހަގަ ކޮށްފައެވެ.