ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) މެންސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ކަޒަކިސްތާނުގެ ޗެމްޕިއަން ޒައިކް ވީސީ އާއި ކިރްގިސްތާނުގެ ޗެމްޕިއަން ބިޝްކެކް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ފައިނަލުގެ ދެ ޖާގަ މި ދެ ޓީމަށް ކަށަވަރުވީ ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗުން ދެވަނައިގައި އޮތް ޒައިކް ވީސީ ސީދާ ތިން ސެޓުން މޮޅުވުމާއެކު އެވެ.
މި މެޗުން ޒައިކް ވީސީ ބަލިވެއްޖެނަމަ ފައިނަލުގެ ދެވަނަ ޖާގައަށް ވާދަކުރުމުގެ ފުރުސަތު ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބަށް ލިބެއެވެ. ލީގު ބުރުގައި މިރޭ ލަންކާ ޕޯޓްސްއާ ދެކޮޅަށް ނޭޕާލް ތިން ސެޓުން މޮޅުވިޔަސް ޕޮއިންޓުގެ ގޮތުންނާއި ސެޓުގެ ގޮތުން ހަމަހަމަވާނެ އެވެ.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) މެންސް ޗެމްޕިއަންސް ލީގުގައި ޒައިކް ވީސީ އާއި ކިރްގިސްތާނުގެ ޗެމްޕިއަން ބިޝްކެކް -- ސަން ފޮޓޯ/ މޫސާ ނަދީމް
އެހެންކަމުން ކިރްގިސްތާނަށް ތާވަލުގެ ދެވަނަ މަގާމާއެކު ފައިނަލް ޔަގީންވަނީ ސެޓް ރޭޝިޔޯއަށް ބެލުމަށްފަހު އެވެ. މިރޭ ނޭޕާލް މޮޅުވިޔަސް ސެޓް ރޭޝިޔޯއިން ބިޝްކެކް އަށްވުރެ ކުރި ނުލިބޭނެއެވެ.
ޒުވާނުންގެ މަރުކަރު އެތެރޭ ކޯޓުގައި ބިޝްކެކް އާއި ޒައިކް ބައްދަލުކުރި މެޗުގެ ސެޓުތައް ޒައިކް ގެންގޮސްފައިވަނީ 25-18، 25-22 އަދި 25-16 އިންނެވެ. މެޗުގައި ބިޝްކެކް ފެނުނީ އެހެން މެޗުތަކާ ހިލާފަށް ދަށްކޮށެވެ.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) މެންސް ޗެމްޕިއަންސް ލީގުގައި ޒައިކް ވީސީ އާއި ކިރްގިސްތާނުގެ ޗެމްޕިއަން ބިޝްކެކް -- ސަން ފޮޓޯ/ މޫސާ ނަދީމް
މި ނަތީޖާއާއެކު މުބާރާތުގެ ފައިނަލުގައި ޒައިކް އާއި ބިޝްކެކް ބައްދަލުކުރާ މެޗު ފަށާނީ މާދަމާރޭ 20:45 ގައެވެ. މި މެޗު އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.