ކާވާ ޗެމްޕިއަންސް ލީގުގެ ތަށި ޒައިކް ވީސީއަށް

ކާވާ ޗެމްޕިއަންސް ލީގުގެ ތަށި ޒައިކް ވީސީން ކާމިޔާބުކުރުން -- ސަން ފޮޓޯ/ މޫސާ ނަދީމް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) މެންސް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ކަޒަކިސްތާނުގެ ލީގު ޗެމްޕިއަން ޒައިކް ވީސީން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ޒައިކް ވީސީން ހޯދީ ފައިނަލުގައި ކިރްގިސްތާނުގެ ޗެމްޕިއަން ބިޝްކެކްއާ ވާދަކޮށް 3-1 ސެޓުން ކުރިހޯދައިގެންނެވެ.

މިއީ ޒައިކް ވީސީގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އަދި އެ ގައުމުގެ ކުލަބު ވޮލީގައި އެންމެ ބޮޑު ކާމިޔާބީއެވެ. މި ކާމިޔާބީއާއެކު ޒައިކް ވީސީ ވަނީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަންގެ އެންމެ ބޮޑު ކުލަބު މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ.

ޒައިކް ވީސީއާއި ކިރްގިސްތާނުގެ ޗެމްޕިއަން ބިޝްކެކްގެ މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

މެޗުގެ ފުރަތަމަ ސެޓު ޒައިކް ވީސީން ކާމިޔާބުކުރީ 26-24 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-21 ގެ ނަތީޖާއަކުންނެވެ. ތިންވަނަ ސެޓު ކާމިޔާބުކުރީ ބިޝްކެކް އެވެ.

މި ސެޓު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 25-20 ގެ ނަތީޖާއަކުންނެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ހަތަރުވަނަ ސެޓު ކިރްގިސްތާނުން ކާމިޔާބުކުރީ 25-22 އިންނެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ޑްރީމްޓީމު ވަނީ ހޮވާފައެވެ.

1. ބެސްޓް އައުޓްސައިޑް ހިޓާ - މުރާދު ޖެހާން (15) ނޭޕާލް
2. ބެސްޓް އައުޓްސައިޑް ހިޓާ - އޮމުރްބެކް ޒުނޫސޮވް (10) ކަޒަކިސްތާނު
3. ބެސްޓް މިޑްލް ބްލޮކަރ - ނުރިސްލާމް މެޑެޓްބެކް އުލޫ (4) ކިރްގިސްތާން
4. ބެސްޓް މިޑްލް ބްލޮކަރ - ޕޮރޮކޯފިން ވްލަޑިމިއާ (3) ކަޒަކިސްތާނު
5. ބެސްޓް ސެޓަރ - ވޮލޮޑިމީރް ކޮވަލްޗުކް (13) ކަޒަކިސްތާނު
6. ބެސްޓް ލިބަރޯ - ސަންތޯޝް ރާއީ (12) ނޭޕާލް
7. އެންމެ މޮޅު އޮޕޮޒިޓް ކުޅުންތެރިޔާ - ވިޓަލީ އެރްޑްޝްޓެއިން (6) ކަޒަކިސްތާނު
8. އެންމެ މޮޅު ކުޅުންތެރިޔާ - ވިޓަލީ އެރްޑްޝްޓެއިން (6) ކަޒަކިސްތާނު

ޒައިކްއިން މެޗު ކާމިޔާބުކުރީ 3-1 ސެޓުން -- ސަން ފޮޓޯ/ މޫސާ ނަދީމް

މި މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ. މީގެއިތުރުން ކޮމިޝަނަރު އޮފް ސްޕޯޓްސް މުޙައްމަދު ތަލާލްގެ އިތުރުން ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް އެސްއެސްޓީވީން ވާނީ ގެނެސްދީފައެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.

comment ކޮމެންޓް