ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތުގައި އަވަދިނެތި އުޅޭ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ޚާއްސަ ފަރިވަޅެއް މިއަދު ދީފިއެވެ.
ފަރިވަޅަކީ ދިވެހީންގެ ތެރޭގައި އެކިއެކި ކަންތައްތައް ފާހަގަކުރުމުގެ ގޮތުން ދީއުޅޭ ކެއުމެކެވެ.
އައު ޓާމިނަލް ހުޅުވުމަކީ ދިވެހީންގެ ފޮނި އުންމީދުތަކަކާ ގުޅިފައިވާ މަޝްރޫއެއް ކަމަށްވާއިރު، މިނިވަން ދުވަހާ ދިމާކޮށް، އަންނަ ހޮނިހިރު ދުވަހު ޓާމިނަލް ހުޅުވުމަށް މިހާރު އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
އެކަމުގައި ބުރަ މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެޗްޑީސީން މިއަދު ވަނީ ފަރިވަޅު ދިނުމުގެ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ވަރަށް ގިނަ މުވައްޒަފުން ބައިވެރިވިއެވެ. އެގޮތުން ފަރިވަޅު ތައްޔާރުކުރުމުގައި ވެސް ކުންފުނީގެ ގިނަ މުވައްޒަފުންގެ އެއްބާރުލުން ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ.
ފަރިވަޅު ދިނުމަށް އެޗްޑީސީގެ އަންހެން މުވައްޒަފުން ވަނީ ލިބާހާއި ދިގު ހެދުމުގައި ވީއައިއޭއަށް މިއަދު ގޮސްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ދެ ދުވަސްކުރިން ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވެސް ވަނީ އެމްއޭސީއެލްގެ މުވައްޒަފުންނަށް އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތާ ގުޅިގެން ފަރިވަޅެއް ދީފައެވެ.
ފަރިވަޅު އެރުވުމަކީ އިހުޒަމާނުއްސުރެ ވެސް ރާއްޖޭގައި އޮތް އާދައެކެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކާ ގުޅިގެން، އެ މަޝްރޫއުތަކުގެ ކާމިޔާބީ ފާހަގަކޮށް މަސައްކަތްތެރީންނަށް ހިތްވަރު ދިނުމުގެ ގޮތުން ފަރިވަޅު ދީފައި އެބަހުއްޓެވެ.
ކުލަގަދަ ރަސްމިއްޔާތަކާ އެކު ހުޅުވާ އައު ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.
މިއީ ދިވެހީންގެ ދިގު އިންތިޒާރެއްގެ ނިމުމެވެ. އަދި މި މަޝްރޫއުން ރާއްޖޭގެ އިގުތިސާދީ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.