އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުއްވައިފިއެވެ.
މޯދީގެ މި ދަތުރުފުގެ ތެރެއިން މިއަދާއި މާދަމާ ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެ ގޮތުން، މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ޝަރަފުވެރިކޮށްދެއްވާނީ މޯދީއެވެ.
މިއަދު ހެނދުނު 9:15 އެހާކަންހާއިރު މޯދީ ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ. އަދި، އެ މަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ހިމެނޭހެން ސަރުކާރުގެ ގިނަ އަދަދެއްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެނގިފައިވާ ގޮތުގައި ރަސްމީކޮށް މޯދީއަށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދު މެންދުރު ފަހު ރަސްމީ ފާލަން ސަރަހައްދުގައެވެ.

ރައީސް މުއިއްޒު، މޯދީއަށް މަރުހަބާ ވިދާޅުވަނީ: މި ދަތުރުފުޅުގެ ތެރެއިން މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ މޯދީ -- ފޮޓޯ/ ރައީސް އޮފީސް
އެ ދަތުރުފުޅާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި، މި އަހަރަކީ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ވެސް 60 އަހަރު ފުރޭ މުނާސަބުކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒާ އެކު ބާއްވަވައި މަޝްވަރާތަކުގެ ތެރެެއިން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރަން އުންމީދުކުރައްވާ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާއާ ގުޅިގެން ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހުކުރަން ވަނީ ހަމަޖެހިފައެވެ. އަދި، ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާކަން ވަނީ އެނގިފައެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުން: މިއީ ތިން ދުވަހުގެ ދަތުރުފުޅެއް -- ފޮޓޯ/ ރައީސް އޮފީސް
މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް' ކެމްޕޭންގެ ތެރެއިންނެވެ. އަދި، އޭގެ ފަހުން މި ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދުވަހަކު ގޯސްނުވާ މިންވަރަށް ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.
ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ވެސް ވަނީ ނުސީދާ ގޮތެއްގައި ނަން ވިދާޅުނުވެ، އިންޑިއާއަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން، ރާއްޖެ ކުޑަވުމަކީ ބޮޑު ގައުމަކުން ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް އެ ދުވަހު އެ މަނިކުފާނު ވިދާޅުވިއެވެ.
އެކަމަކު، ފަހުން އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ތިންވަނަ ދައުރަކަށް މޯދީ ހުވައިކުރެއްވި ރަސްމިއްޔާތަށް ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ. އެ ފަހުން، އެ މަނިކުފާނު ވަނީ އޮކްޓޫބަރު މަހު ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ.