ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބިނާކުރި އާ ބައިނަލްއަގުވާމީ ޓާމިނަލް ހުޅުވުމަށް ތައްޔާރުވުމަށްޓަކައި 13 ގަޑިއިރަށް ހުޅުލޭގެ އުތުރު ނެރު ބަންދުކުރަން ނިންމައިފިއެވެ.
އެމްއޭސީއެލުން ބުނީ، އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން މާދަމާ ފަތިހު 5:30އިން ފެށިގެން ރޭގަނޑު 7:00އާ ހަމައަށް ހުޅުލޭގެ ފަޅަށް ވަދެ ނުކުތުން ބަންދުވާނެ ކަމަށެވެ.
މި ވަގުތުތަކުގައި އުތުރު ނެރުގެ ބަދަލުގައި ހުޅުލެއަށް ވަނުމަށް ދެކުނު ނެރު، އަދި ނިކުތުމަށް މެދުގައިވާ ނެރު ބޭނުންކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް މާދަމާ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އުފާފާޅުކުރުމުގެ ގޮތުން، މާލެ ވަށައިގެން 19 ސަރަހައްދަކުން ހަވާ އަރުވާނެކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ހަވާ އަރުވަން ފަށާނީ ރޭގަނޑު 08:30ގައެވެ. ކަނޑުގެ 16 ސަރަހައްދެއްގައި މާދަމާ ރޭ ހަވާ އަރުވާއިރު، ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން ތިން ސަރަހައްދެއްގައި ހަވާ އަރުވާނެއެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން އެ ގައުމުގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ 2016ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.
އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިމާރާތުގެ ފަރުމާއަށް ބަދަލު ގެނައުމަށް ފަހުގައެވެ. އެއަށްފަހު މި ސަރުކާރު ހަވާލުވުމަށް ފަހު އާ ޓާމިނަލްގެ މަޝްރޫއަށް އިތުރު ފައިސާ ހަމަޖައްސައި، ޓާމިނަލްގެ މަސައްކަތްތައް ނިންމާލުމަށް ފަހު މާދަމާރޭ ހުޅުވަން ވަނީ ތައްޔާރުވެފައެވެ.
ވީއައިއޭގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.