ބޮނީގެ ހަށިގަނޑަށް ބޮޑު ބަދަލެއް، ބުނީ އެއްވެސް ކަހަލަ ކަސްރަތު ކްލާހަކަށް ނުދާ ކަމަށް

ފިލްމު ޕްރޮޑިއުސަރު ބޮނީ ކަޕޫރު--ފޮޓޯ/ޕިންކްވިލާ

ފިލްމު ޕްރޮޑިއުސަރު އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޮނީ ކަޕޫރު, މި ފަހަކަށް އައިސް ފެންނަނީ ކުރިއާ އަޅާ ބަލާއިރު ހަށިގަނޑުގެ ބަރުދަން ވަރަށް ބޮޑަށް ލުއިކޮށް ކުރިއަށްވުރެ މާ ޒުވާންކޮށް ހުންނަ ތަނެވެ.

މިކަން އިންޑިއާގެ މީޑިއާތަކުގެ އިތުރުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާއިރު ބޮނީގެ ހަށިގަނޑަށް އެހާބޮޑު ބަދަލެއް ގެނައީ ކިހިނެއްތޯ އަހައި ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދާފައެވެ.

މިކަމާ ގުޅިގެން މީޑިއާތަކުން ސުވާލުކުރުމުން ބޮނީ ބުނެފައި ވަނީ އޭނާގެ ހަށިގަނޑަށް އައި ބޮޑު ބަދަލުގެ ހުރިހާ ކްރެޑިޓެއް ދޭނީ ޚިޔާރު ކުރި ހާއްސަ ޑައިޓު ތާވަލަށް ކަމަށެވެ. ކުރިން ހަށިގަނޑު ވަރަށް ވަރުގަދަކޮށް ބިޔަކޮށް ހުރި ބޮނީ ވަނީ ބަރުދަނުން 26 ކިލޯ ލުއިކޮށްލާފައެވެ.

ފިލްމު ޕްރޮޑިއުސަރު ބޮނީ ކަޕޫރު އަންހެނުން ސްރީދޭވީއާ އެކު--ފޮޓޯ/ޕިންކްވިލާ

އެކަމަށް އޭނާ އެއްވެސް ކަހަލަ ކަސްރަތެއް ނުކުރާ ކަމަށާއި ހަމައެކަނި ގެނައި ބަދަލަކީ ކެއުމަށް ގެނައި ބަދަލު ކަމަށް "މިސްޓަ އިންޑިއާ"ގެ އެކްޓަރު ވަނީ ބުނެފައެވެ.

އެގޮތުން ބޮނީގެ ހެނދުނުގެ ނާސްތާއަށް ބޭނުންކުރަނީ ތާޒާ މޭވާ ނުވަތަ މޭވާއިން ތައްޔާރުކޮށްފައިވާ ޖޫސް އަދި ސޯގަމް ފުށުން ތައްޔާރުކޮށްފައިވާ ރޮށްޓެއް ކަމަށް ވަނީ ބުނެފައެވެ. އެއަށްފަހު ރޭގަނޑު މާ ގަދައަށް ކެއުމުގެ ބަދަލުގައި ބޯލަނީ އާދައިގެ ސޫޕެއް ކަމަށް ބޮނީ ވަނީ ބުނެފައެވެ.

ބޮނީގެ ހަށިގަނޑަށް އައިސްފައިވާ ބަދަލާ އެކު ބަރުދަން ލުއިކުރަން ބޭނުންވާ ގިނަ ބަޔަކަށް އެއީ ލިބުނު ހިތްވަރަކަށް ވެފައިވާއިރު އެންމެ ހައިރާންވާ ކަމަކީ އިންޑިއާގެ އެންމެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރުންގެތެރޭ ހިމެނޭ ބޮނީ ފެންސީ ފިޓްނަސް ޕްލޭންއަކަށް އަމަލުކޮށްފައިނުވާ ކަމެވެ. ބޮނީ ބަރުދަލް ލުއިކޮށްލަން ބޭނުންކޮށްފައިވާ މި ފޯމިއުލާ އަކީ ވަރަށް ފަސޭހަ ޚަރަދު ކުޑަ ފޯމިއުލާއެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ބަރުދަނަށް އައި ބޮޑު ބަދަލާ އެކު މީގެކުރިން ތަލަކޮށް ހުންނަ ބޮނީ ވަނީ ހާއްސަ ހެއާ ޓްރާންސްޕްލާންޓް މަރުހަލާއެއް ވެސް ހަދާފައެވެ. ތަންކޮޅެއް ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބޮނީ ބުނެފައި ވަނީ އޭނާގެ ބަރުދަން އިތުރުވާން ފެށުމުން އަންހެނުން ސްރީދޭވީ އެކަމާ ވަރަށް ކަންބޮޑުވި ކަމަށާއި ސިއްހީ މައްސަލަތަކެއް ކުރިމަތިވުމުގެ ބިރު އޮތުމުން ބަރުދަން ލުއިކުރުމަށް ސްރީދޭވީ އަބަދުވެސް ނަސޭހަތްތެރިވި ކަމަށެވެ.

އަންހެނުން އަދި ކުރީގެ ބަތަލާ ސްރީދޭވީގެ އެ އެދުން ފުރިހަމަވިއިރު އެ މަންޒަރު ބަލަން ސްރީ ދޭވީ ނެތް ނަމަވެސް އެކަމަށް ހިތްވަރު ލިބުނީ އަންހެނުންގެ ސަބަބުން ކަމަށް ބޮނީ ވަނީ ބުނެފައެވެ.

comment ކޮމެންޓް