ބޮބީ އާއި ރަންވީރުގެ މެގަ ޕްރޮޖެކްޓުގައި ބަތަލާ ސްރީލީލާ

ފިލްމީ ތަރިން ކަމަށްވާ ބޮބީ ޑިއޯލް، ސްރީލީލާ އަދި ރަންވީރު ސިންގް--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ ބޮބީ ޑިއޯލް އާއި ރަންވީރު ސިންގް އެކީގައި ކުޅެން ނިންމާފައިވާ މެގަ ޕްރޮޖެކްޓްގެ ބަތަލާ އަކީ ސައުތު ސިނަމާގައި ވިދާލި ސްރީލީލާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބޮބީ އާއި ރަންވީރު އެކީގައި ގެނެސްދޭނެ މި ޕްރޮޖެކްޓުން ބަތަލާ ސްރީލީލާއަށް ފުރުސަތު ލިބުނު ކަމަށް ފިލްމީ ޚަބަރުތަކުން ބުނުމާ އެކު މިއީ ވަރަށް ވަރުގަދަ ބޮޑު ފިލްމަކަށް ވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އަންނަ ހަފްތާ ތެރޭގައި މި ޕްރޮޖެކްޓުގެ ފަސްޓް ލުކް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު މިއީ މި ތިން ތަރިން ވެސް އެކީގައި މަސައްކަތް ކުރާނެ ފުރަތަމަ ފިލްމެވެ.

މިއީ މިހާތަނަށް ރަންވީރު އަދި ބޮބީ ބެލުންތެރިންނަށް ގެނެސްދީފައިނުވާ ފަދަ ގޮތަކަށް ސްކްރީނަށް ދެ ތަރިން ގެނެސްދޭނެ ބިޔަ ޕްރޮޖެކްޓެކެވެ. ކޮމާޝަލް އެންޓަޓެއިނާއެއް ކަމަށް ބެލެވޭ މި ފިލްމަކީ އެކްޝަން އާއި ޑްރާމާ އަދި ތިން ތަރިންގެ ހުނަރު ވަރަށް ރަނގަޅަށް ސްކްރީނުން ފެންނާނެ ވަރުގަދަ އެކްޝަން ތުރިލާއަކަށް ވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކްޓަރު ރަންވީރު ސިންގް ކުރިއަށް އޮތް ފިލްމު "ދުރަންދާރު"ގެ މަންޒަރެއްގައި--ފޮޓޯ/މިޑްޑޭ

ތެލުގޫ ބަތަލާ އިތުރު ބޮލީވުޑްގެ ބޮޑު ޕްރޮޖެކްޓަކަށް ސޮއިކުރަން ތައްޔާރުވަމުން އަންނައިރު ސްރީލީލާ އަންނަނީ އެކްޓަރު ކާތިކް އާރްޔަންއާ އެކު ކެރިއަރުގެ ފުރަތަމަ ބޮލީވުޑް ފިލްމަށް ތައްޔާރުވަމުންނެވެ.

ފިލްމު "އެނިމަލް"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި އެކްޓަރު ބޮބީ ޑިއޯލް އަންނަނީ މި އަހަރު ރިލީޒްކުރާ އެކްޓަރުގެ ތެލުގޫ ފިލްމު "ހަރި ހަރާ ވީރާ މައްލޫ" ބެލުންތެރިންނަށް ގެނެސްދިނުމުގެ ތައްޔާރީތައް ކުރަމުންނެވެ.

މީގެއިތުރުން ވައިއާރްއެފްއިން އަންނަ އަހަރު ރިލީޒްކުރާ ފިލްމު "އަލްފާ"ގެ މުހިއްމު ރޯލަކުން ބަތަލާ އާލިއާ ބަޓްއާ އެކު ވެސް ބޮބީ ފެންނާނެއެވެ.

comment ކޮމެންޓް