ފިލްމު 'ވޯ 2'ގެ ޓްރެއިލާ ދައްކާލައިފި

ކުރިއަށް އޮތް އޮގަސްޓް މަހު ސިނަމާތަކަށް ގެންނަން ތާވަލުކުރެވިފައި އޮތް ވައިއާރްއެފްގެ ފިލްމު "ވޯ 2"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރާ މި ފިލްމަކީ ޔަޝް ރާޖް ފިލްމްސްއިން 2019 ވަނަ އަހަރު ގެނެސްދިން ފިލްމު "ވޯ"ގެ ސީކުއަލްއެކެވެ. އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސްއަށް ނިސްބަތްވާ މި ފިލްމަކީ ވައިއާރްއެފްގެ އެންމެ މަގުބޫލު ފްރެންޗައިސްގެތެރޭ ހިމެނޭ ފިލްމެކެވެ.

ފިލްމު "ބްރައްމަސްތުރާ"އިން ގިނަ ބައެއްގެ ތައުރީފު ލިބުނު ޑައިރެކްޓަރު އަޔާން މުކަރުޖީ ވައިއާރްއެފްއަށް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްދޭ ފުރަތަމަ ފިލްމު "ވޯ 2" އަކީ މި އަހަރު ސިނަމާތަކަށް ގެންނަ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ.

ރިތިކް ރޯޝަން އަދި ޖޫނިއަ އެންޓީއާރް ފިލްމު "ވޯ 2"ގެ މަންޒަރެއްގައި--ފޮޓޯ/މިޑްޑޭ

ކުޅަދާނަ ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރް ބޮލީވުޑަށް ތައާރަފްވާ މި ފިލްމުގެ ކާސްޓުންގެތެރޭ ރިތިކް ރޯޝަން އަދި ބަތަލާ ކިއާރާ އަދުވާނީ ހިމެނޭއިރު 2019އިގެ ފިލްމުން ރިތިކްއާ އެކު ފެނުނު އެކްޓަރު ޓައިގާ ޝްރޮފް "ވޯ 2"އިން ނުފެންނާނެއެވެ.

މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރަމުން ވައިއާރްއެފްއިން ސޯޝަލް މީޑިއާގައި ބެލުންތެރިންނަށް ދިން މެސެޖަކީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ސިނަމާތަކަށް ވަރަށް ވަރުގަދަ ތޫފާނެއް އަންނަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެހެންވެ ބެލުންތެރިން އެކަމަށް ތައްޔާރުވެ ތިބުމަށް ވައިއާރްއެފްގެ މި ޕޯސްޓުގައި ވަނީ ބުނެފައެވެ.

މި ފިލްމަކީ ބަތަލާ ކިއާރާ އަދުވާނީ އަދި ޖޫނިއަ އެންޓީއާރު ވެސް ޔަޝް ރާޖް ފިލްމްސްއަށް ކުޅޭ ފުރަތަމަ ފިލްމެވެ. ފިލްމު "ވޯ 2"އަކީ ދާދިފަހުން މަންމަ އަކަށްވި ބަތަލާ ކިއާރާ ބަލިވެ އިނުމަށްފަހު ބެލުންތެރިންނަށް ފެންނާނެ ބަތަލާގެ އެންމެ ފަހު ފިލްމެވެ. ވިހެއުމަށްފަހު ކިއާރާ ފިލްމީ ދާއިރާއަށް އެނބުރި ނުކުންނާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް