ގެއެއް ގަންނަން ފައިސާ ހުރެ އަނޫޕަމް ކުއްޔަށް އުޅެނީ ކީއްވެކަން އެނގޭތަ؟

އެކްޓަރު އަނޫޕަމް ހޭރް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ ސިނަމާގެ އެންމެ ތަޖުރިބާކާރު އެކްޓަރުންގެ ތެރޭ ހިމެނޭ އަނޫޕަމް ހޭރްގެ ކިބައިގައި ބޮޑު އަގުގައި އަމިއްލަ ގެއެއް ގަނެގެން ދިރިއުޅުމުގެ ގާބިލުކަން ހުރި ނަމަވެސް މަހު ކުއްޔަށް ދިރިއުޅޭ ހަގީގީ ސަބަބު އެކްޓަރު ކިޔައިދީފިއެވެ.

އަނޫޕަމް ދާދި ފަހުން ބައިވެރިވި 'ދަ ޕަވަފުލް ހިއުމަންސް' ޕޮޑްކާސްޓްގައި އެކްޓަރު ބުނީ، އަގުބޮޑެތި މުދާ މިލްކިއްޔާތުގައި ހުރުމަކީ އެ މީހަކު ދުނިޔެ އަޅާ ދިއުމުން އޭގެ ސަބަބުން އާއިލާ ތެރޭގައި ބޮޑެތި މައްސަލަތައް ޖެހުމަށް ކުރިމަތިކުރުވާ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

އަނޫޕަމްގެ އާއިލާއަކީ އެކަކު އަނެކަކުގެ މެދުގައި އެފަދަ މައްސަލަތަކެއް މިހާތަނަށް ވެސް ކުރިމަތިވެފައި ނެތް އާއިލާއަކަށްވީ ނަމަވެސް އެފަދަ މައްސަލައެއް ފެންމަތިވުމުގެ ފުރުސަތު ދޫކޮށްލުމަށް ފަހު ދުނިޔެއިން ވަކިވާން އޭނާ ނޭދޭ ކަމަށް ވަނީ ބުނެފައެވެ.

އަނޫޕަމް އަންހެނުން ކިރަން ހޭރް އަދި ދޮންދަރިފުޅު ސިކަންދަރު ހޭރްއާ އެކު--ފޮޓޯ/އިންޑިއާޓީވީނިއުސް

މިހާތަނަށް އަނޫޕަމާ ދިމާވެފައިވާ ވަރަށް ގިނަ އުމުރުން ދުވަސްވެފައިވާ މީހުންގެ އާއިލާތަކަށް އެންމެ ބޮޑަށް ކުރިމަތިވަނީ އެ މީހަކު ދުނިޔެ ދޫކުރާއިރު މިލްކިއްޔާތުގައި ހުރި މުދާތައް ބެހުމުގައި ދިމާވާ ހަމަނުޖެހުމުގެ މައްސަލަތައް ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި އެ މީހަކު ދުނިޔެއިން ވަކިނުވަނީސް ވެސް ބައެއް މައިންބަފައިންނަށް އެބައިމީހުންގެ ދަރިންގެ ފަރާތުން ވަރަށް ހިތްދަތި ކަންކަން ދިމާވެފައިވާ ކަމަށާއި ބައެއް ދަރިން އެ މީހުންގެ މައިންބަފައިން ގެއިން ބޭރުކޮށްފައި އެބަހުރި ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ.

އެފަދަ މައްސަލަތަކަކީ އަނޫޕަމްގެ ގޭގައި މިހާތަނަށް ވެސް ހިނގާފައި ނެތް ކަހަލަ ހާދިސާތަކެއް ކަމުން އަމިއްލައަށް އަގުބޮޑު ޕްރޮޕަޓީތަކާއި މުދާތައް ގަތުމަކީ އެހާ މުހިންމު ކަމެއް ކަމަށް ނުދެކޭ ކަމަށް ދާދިފަހުން ރިލީޒްކުރި ފިލްމު "ތަންވީ: ދަ ގްރޭޓް"ގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ކުރީގެ ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ކިރަން ހޭރްއާއި ކައިވެނި ކުރުމަށް ފަހު ދެ މީހުންގެ ކައިވެންޏަށް މިހާތަނަށް ދަރިއަކު ނުލިބެއެވެ. ނަމަވެސް، ކިރަންގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު އަދި އެކްޓަރު ސިކަންދަރު ހޭރަކީ އަނޫޕަމް އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލަމުން އަންނަ މީހެކެވެ.

ސިކަންދަރު ގާތުގައި ހުރުމުން އަމިއްލަ ދަރިއަކު ނެތްކަމުގެ ފަޅުކަމެއް މިހާތަނަށް އިހުސާސްކުރެވިފައިވާ ނުވާކަމަށް އަނޫޕަމް ވަނީ ބުނެފައެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ކުޅަދާނަ އެކްޓަރު ވަނީ ފިލްމު "ތަންވީ: ދަ ގްރޭޓް"ގެ ޚާއްސަ ރޯލެއް ވެސް ކުޅެފައެވެ.

comment ކޮމެންޓް