މި އަހަރުގެ ބޮޑު އީދާ ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރި ބޮލީވުޑްގެ މަޝްހޫރު ކޮރިއަގްރާފަރު އަދި ފިލްމު ޑައިރެކްޓަރު ފަރާ ޚާން ރާއްޖޭގެ ރަށަކަށް ކުރި ފުރަތަމަ ދަތުރު އޭނާގެ ހަނދާނަކުން ނުފިލާނެއެވެ. މި ދަތުރުގައި ދިވެހި ރަތް ލިބާހެއް ލައިގެން ރާއްޖޭގެ ސަގާފަތް ކައިރިން ބަލައިލުމުގެ ފުރުސަތު އޭނާއަށް ލިބުނުއިރު، އޭނާ ވަނީ މި ތަޖުރިބާ ޔޫޓިއުބުގައި މިއަދު ހިއްސާކޮށްފައެވެ.
އެމްއެމްޕީއާރުސީއިން ދިން ދައުވަތަކަށް ފަރާ ރާއްޖެ އައީ ކައްކާއެއްގެ ގޮތުގައި ފަރާގެ ގޭގައި މަސައްކަތް ކުރާ ދިލިޕް ވެސް ގޮވައިގެންނެވެ.
ރާއްޖެއަށް ދަތުރު ފެށުމުގެ ކުރިން ދިލިޕްގެ ޕާސްޕޯޓު ތައްޔާރުކުރުމުގެ މަރުހަލާއިން ފެށިގެން ރާއްޖޭގައި ހޭދަކުރި ދުވަސްތަކާ އެކު ބައިވެރިވި ކުޅިވަރުތައް އަދި ކުރި ތަޖުރިބާތައް ފަރާގެ ޔޫޓިއުބްގައި ވަނީ ހިއްސާކޮށްފައެވެ. މި ދަތުރުގައި ފަރާގެ ޓީމުން އެންމެ ފުރަތަމަ ދިޔައީ މާލެ އަތޮޅުގައި އޮންނަ ސަން ސިޔާމް އޮޅުވެލި ރިސޯޓަށެވެ.

އެ ރިސޯޓުން ފަރާގެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިއެވެ. އޭނާ ވަނީ އެ ރިސޯޓުގެ ވޯޓަ ސްޕޯޓްސް ހަރަކާތްތަކުގައި ބައިވެރިވެފައެވެ. އަދި ރިސޯޓުގެ ސްޕާއިން ވެސް ޚިދުމަތް ހޯދިއެވެ.
މި ދަތުރުގައި ދިލިޕް އުޅުނީ އަބަދު ވެސް ފަރާއަށްވުރެ އެއް ހަރުފަތް ކުރީގައެވެ. އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްލާ ޖެޓްސްކީ ދުއްވިއިރު މި ދަތުރުގެ އުފާ އެންމެ ބޮޑަށް ހާސިލުކުރީ އޭނައެވެ.

ދިލިޕް ޖެޓްސްކީގައި
ރިޒޯޓުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އެމީހުން ދިޔައީ މާލެ އަތޮޅުގައި އޮންނަ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ރަށް ކަމަށްވާ މާފުށްޓަށެވެ. މާފުށީގައި އީދާ ގުޅިގެން ކުރިއަށްދިޔަ ސަޤާފީ ކުޅިވަރުތަކުގައި ފަރާ އާއި ދިލިޕް ބައިވެރިވިއެވެ. ފަރާ ވަނީ އެރަށު އަންހެނުންނާއެކު ތާރަޖަހައި ނަށައިފައެވެ.
"މިއީ މާފުއްޓަށް އަހަރެން އައި ފުރަތަމަ ފަހަރު. ދެން މިރަށުން ދާކަށް ބޭނުމެއް ނޫން. އަދި ވެސް އަންނާނަން،" އޭނާ އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ބުންޏެވެ.
ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ފަރާގެ ޔޫޓިއުބްގައި އާއްމުކުރި ރާއްޖޭގެ ވީޑިއޯގައި ފަރާ އާއި ދިލިޕް ވަނީ މާފުށީގެ ގެއެއްގެ ބަދިގޭގައި ދިވެހި ކުކުޅު ރިހަ ތައްޔާރުކުރާ ގޮތް ދަސްކޮށްފައެވެ.

ފަރާ ކުކުޅު ރިހަ ކައްކަނީ
މާފުށީގައި ހޭދަކުރި ދުވަސްތައް ސިފަކުރަމުން ފަރާ ބުނީ މީގެކުރިން ދުވަހަކު ވެސް ރާއްޖޭގެ ރަށަކަށް އޭނާ ޒިޔާރަތް ނުކުރާ ކަމަށެވެ. ނަމަވެސް މާފުށީގެ މާހައުލު އޭނާއަށް ވަރަށް ކަމުގޮސްފި ކަމަށާއި އާއިލާއާ އެކު ދެން ރާއްޖެއަށް އަންނަ ދަތުރެއްގައި މާފުށްޓަށް އަންނާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ.
މާފުށިން އީދުގެ ހަރަކާތްތައް ބެލުމަށްފަހު އެދެމީހުން އަނެއްކަ ވެސް ދަނީ ރިޒޯޓަށެވެ. ދެން ފަރާ އާއި ދިލިޕް ފެންނަނީ މާ ތަފާތު ގޮތަކަށެވެ. އެމީހުން ތިބީ ސަގާފީ ހެދުމުގައި އީދު ފާހަގަކުރާށެވެ.
"ލެޓްސް ގޯ ވިތު ފަރާ އެންޑް ދިލިޕް"ގެ ނަމުގައި ފަރާގެ ޔޫޓިއުބް ޗެނަލްގައި ޕޯސްޓުކުރި މި ވީޑިއޯ އާއްމުކުރިތާ އެއްގަޑިއިރުތެރޭ އެއް ލައްކައަށްވުރެ ގިނަ މީހުން ވަނީ ފަރާގެ ޓީމުން ރާއްޖެއަށް ކުރި ދަތުރުގެ ވީޑިއޯ ބަލާލާފައެވެ. ފަރާއާ އެކު މި ދަތުރުގައި ބައިވެރިވި ދިލިޕް މިއީ އިންޑިއާއިން ބޭރު ޤައުމަކަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.