ސަރުކާރު ފިހާރައަށް ޑިމާންޑު ބޮޑު، 3 ދުވަހުގެ ތެރޭ އައިނަށް އެދި 361 މީހުން

އައިޖީއެމްއެޗްގައި ހުޅުވި "އެމްސީޖީއެޗް އޮޕްޓިކަލްސް" އައިނު ފިހާރަ ދޮށުގައި ނަންބަރު ނަގަން ހުޅުވާލި ފުރަތަމަ ދުވަހު ކިޔޫގައި --- ސަން ފޮޓޯ

މިދިޔަ އާދިއްތަ ދުވަހު އައިޖީއެމްއެޗްގައި ހުޅުވި ސަރުކާރުގެ އައިނު ފިހާރައަށް މިދިޔަ ތިން ދުވަހުގެ ތެރޭ އައިނު ހައްދަން އެދި 361 މީހަކު ނަން ނޯޓުކުރި ކަމަށް، އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ތަނަވަސްކޮށްދީ، "އެމްސީޖީއެޗް އޮޕްޓިކަލްސް"ގެ ޚިދުމަތް ރަސްމީކޮށް މިދިޔަ އާދީއްތަ ދުވަހު އިފްތިތާހުކޮށް، ޖެހިގެން އަދި ހޯމަ ދުވަހު ނަންބަރު ދޫކުރަން ވަނީ ފަށައިފައެވެ.

ނަންބަރު ދޫކުރަން ހުޅުވާލި ދުވަހުގެ މެންދުރު 2:00 އިން ރޭގަނޑު 10 އަށް ކިޔޫ ދަމާލާފައި އޮތް އިރު، އެ ދުވަހު އެކަނި ވެސް 80 މީހުން އައިނު ހައްދަން އެދިފައިވާ ކަމަށް، އައިޖީއެމްއެޗްގެ އޮފިޝަލް "ސަން" އާ މިއަދު ހިއްސާކުރެއްވި މައުލޫމާތުގައި ވެއެވެ.

އޮފިޝަލް ވިދާޅުވީ އައިނު ހެއްދުމަށް އައިނު ފިހާރައިގެ ނަންބަރު 3335150 އަށް ގުޅާލައިގެން ވިޔަސް، ނުވަތަ ފިހާރައަށް ޒިޔާރަތްކުރުމަށް ފަހު ވިޔަސް، ނަން ނޯޓުކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާނެ ކަމަށާއި، އުމުރުން ދުވަސްވީ މީހުންނަށް ކިޔޫގައި މަޑުނުކޮށް ކުރިއަށް ދެވޭނެ އިންތިޒާމު ވެސް އެ ތަނުގައި ހަމަޖެހިފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގައި ގާއިމްކުރި އައިނު ފިހާރަ ހުޅުވައިދެއްވައި މި ޚިދުމަތް އިފުތިތާހުކޮށްދެއްވީ އާދީއްތަ ދުވަހު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، މި އައިނު ފިހާރައިގައި ހުންނާނީ އެންމެ ޒަމާނީ މެޝިނަރީ ކަމަށާއި، މިތަނުން ނަންބަރު ނެގުމާއި ލެންސް ހެއްދުމުގެ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށެވެ.

"އަދި އާސަންދައިން މި ހޭދަކުރާ 2،000 ރުފިޔާގެ އަދަދުގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކަށް އައިނު ހިލޭ ހެއްދުމުގެ ފުރުސަތު މިއަދު ފަހިވެގެން މި ދިޔައީ،" އޭނާ ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގައި އަންނަ މަހު މި ޚިދުމަތް ފަށާނެ ކަމަށާއި، ކުރިއަށް ހުރި ދުވަސްތަކުގައި ރީޖަނަލް ހޮސްޕިޓަލްތަކަށް ވެސް މި ޚިދުމަތް ފުޅާކުރާނެ ކަމަށެވެ.

ސަރުކާރުގެ ހޮސްޕިޓަލުތަކުން ލޮލުގެ އެކި ބަލިބައްޔަށް ބޭސް ކުރެވޭއިރު، އައިނު ހައްދައިދިނުމުގެ ޚިދުމަތް މި ފެށީ އަލަށެވެ. ރާއްޖޭގައި މި ޚިދުމަތް އަބަދު ވެސް ދެމުން އައީ ޕްރައިވެޓް ސެކްޓަރުންނެވެ. އައިނު ހެއްދުމަކީ ބޮޑު ޚަރަދު ހިނގާ ކަމަކަށްވާއިރު، އެ ކަމުގައި އާސަންދައިން އައީ 1،000 ރުފިޔާ ކަވަރުކޮށްދެމުންނެވެ.

ނަމަވެސް، މި 1،000ރުފިޔާ އާސަންދައަށް ކެނޑުމަށްފަހު ވެސް އާންމުންގެ އަތުން އެ ޚިދުމަތަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ އޭރު އޮތީ ޝަކުވާ ބޮޑުވެފައެވެ.

comment ކޮމެންޓް