މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 574 މިލިއަނުގެ ފައިދާ

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު: މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އާއި ފައިދާ ވަނީ ދަށްވެފައި -- ފޮޓޯ/ އެސްޓީއޯ

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 574 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން އެސްޓީއޯއަށް މިދިޔަ ކުއާޓަރުގައި 3.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއަށް ވުރެ 12 ޕަސެންޓު ދަށް އަދަދެކެވެ.

އެސްޓީއޯއަށް ލިބުނު ޖުމްލަ އާމްދަނީ ދަށްވުމުގެ ސަބަބުން، މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ކުންފުނީގެ ދެވަނަ ކުއާޓަރުގައި ޖުމްލަ ފައިދާ ދެ ޕަސެންޓު ދަށްވެފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން، މިދިޔަ ކުއާޓަރުގައި އެސްޓީއޯއަށް 574 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު، ފުރަތަމަ ކުއާޓަރުގައި 583 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ.

އެސްޓީއޯއިން ބުނީ، އެ ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއި ހިންގުމުގެ ޚަރަދު އިތުރުވުމުގެ ސަބަބުން ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 236 މިލިއަން ރުފިޔާ ކަމަށެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު 263 މިލިއަން ރުފިޔާއަށް ވުރެ 11 ޕަސެންޓު ދަށް އަދަދެކެވެ.

ހިންގުމުގެ ފައިދާ ދަށްވިކަމުގައިވި ނަމަވެސް، މިދިޔަ ކުއާޓަރުގައި އިންވެސްޓްމެންޓް އާމްދަނީ އިތުރުވެފައިވާ ކަމަށާއި، އެހެންވެ، ނެޓް ފައިނޭންސް ކުޑަކުރެވި ޓެކުހަށް ކެނޑުމުގެ ކުރިން މިދިޔަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 198 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް، އެސްޓީއޯއިން ބުންޏެވެ. އަދި ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 163 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ތިން ޕަސަންޓުގެ ދަށްވުމެކެވެ.

ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ސާފު ފައިދާ 15 މިލިއަން ރުފިޔާއިން އިތުރުވެ، 10 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ ކުއާޓަރުގައި ކުންފުންޏަށް ލިބުނު ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ބުނިގޮތުގައި، ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި އެ ކުއާޓަރުގައި ތެލުގެ ޑިމާންޑު ދަށްވުމުގެ ސަބަބުންނެވެ. މިދިޔަ ކުއާޓަރުގައި ޖުމްލަ އާމްދަނީ އާއި ފައިދާ ދަށްވި ނަމަވެސް އެ ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ޖުމްލަ އާމްދަނީ އިތުރުވެފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

comment ކޮމެންޓް