ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަ ކުރާނެ: މެޓު

ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދަތުރުކޮށްފައި ދަނީ: ކުރިއަސް އޮތް ތިން ދުވަހު ވިއްސާރަވާނެ ކަމަށް މެޓުން ލަފާކުރޭ -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ލަފާކޮށްފިއެވެ.

"ސަން" އަށް މެޓުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓުން ލަފާކުރާ ގޮތުގައި ހޯމަ އާއި އަންގާރަ އާއި ބުދަ، މި ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވާރޭ ވެހި، އަންގާރަ އާއި ބުދަ، މި ދެ ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް ވައި ގަދަވާނެއެވެ.

މެޓުން ނެރެފައިވާ ހުދު ސަމާލުގައިވާ ގޮތުން، މިއަދު މެންދުރު 1:15 އިން ފެށިގެން ތ. އަތޮޅަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އޭގެ އިތުރުން އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭއިރު، ދެކުނަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދު ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން އެހާ ރަނގަޅު ދުވަސްވަރެއް ނޫނެވެ.

comment ކޮމެންޓް