އިންޒާރާ އެކު، ޕާކިސްތާނުގެ ހަފުލާއެއްގައި ކާތިކް ބައިވެރިނުވާ ކަމަށް ބުނެފި

ބޮލީވުޑް އެކްޓަރު ކާތިކް އާރްޔަން--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ އަވައްޓެރި ޕާކިސްތާނަށް ނިސްބަތްވާ ބަޔަކު އިންތިޒާމުކޮށްގެން ހިންގި ހަފުލާއެއްގައި ބޮލީވުޑް އެކްޓަރު ކާތިކް އާރްޔަން ބައިވެރިނުވާ ކަމަށް އެކްޓަރުގެ ޓީމުން ބުނެފިއެވެ.

ކާތިކްގެ ޓީމުން މި ކަމާ ގުޅިގެން ޚާއްސަ ބަޔާނެއް ނެރެފައިވާއިރު އިންޑިއާގެ ފިލްމު ފެޑެރޭޝަނުން ވަނީ ޕާކިސްތާނާ ގުޅުން އޮތް ބަޔަކު ހިންގި ހަފުލާއެއްގައި އެކްޓަރު ބައިވެރިވި ކަމަށް ބުނެ އިންޒާރުގެ ނޯޓިސްއެއް ފޮނުވާފައެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް އަދި ވެސްޓަން އިންޑިއާ ސައިން އެމްޕްލޯއީސްއިން ނެރެފައިވާ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާފައިނުވާ ކަމަށް ކާތިކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުގެ އެ ސިޓީގައި ވަނީ ބުނެފައެވެ.

ކާތިކް އާރްޔަން ޕާކިސްތާނު ބަތަލާ ސާރާ ޚާންއާ އެކު--ފޮޓޯއިންސްޓަގްރާމް

އިންޑިއާއާއި ޕާކިސްތާނުގެ ޑިޕްލޮމެޓިކް ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ފިލްމު އިންޑަސްޓްރީގެ އެއްވެސް ފަންނާނަކު ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ޕާކިސްތާނާ ގުޅުން ހުރި އެއްވެސް ބަޔަކާ އެކު މަސައްކަތް ނުކުރުމަށް ފިލްމު ފެޑެރޭޝަނުން ވަނީ ގޮވާލާފައެވެ.

ޕާކިސްތާނަށް ނިސްބަތްވާ ބަޔަކު ހިންގި ބައިނަލްއަޤުވާމީ ހަރަކާތެއްގައި ކާތިކް އަރްޔަން ބައިވެރިވި ކަމަށް ބުނެ އެކްޓަރުގެ ނަން އަދި ފޮޓޯ ހިމެނޭހެން އެ އިވެންޓު ޕްރޮމޯޓުކޮށްފައިވާތީ ކާތިކްގެ ޓީމުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އެ ހަރަކާތުގައި ބައިވެރިވި ކަމަށް ކާތިކުގެ ފަރާތުން ރަސްމީ ސިފައެއްގައި އިއުލާނުކޮށްފައިނުވާއިރު ކާތިކްގެ ފޮޓޯ އާއި ނަން ބޭނުންކޮށްގެ އެ ހަރަކާތް ޕްރޮމޯޓުނުކުރުމަށް އެކަން އިންތިޒާމުކުރާ ފަރާތްތަކަށް ވެސް އަންގާފައިވާނެ ކަމަށް އެކްޓަރުގެ ޓީމުން ވަނީ ބުނެފައެވެ.

ފިލްމު ފެޑެރޭޝަންނުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންގެ ހުއްދަ ނެތި އެ ފަންނާނުންގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން އިވެންޓުތައް ޕްރޮމޯޓުކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން މިހާރުން މިހާރަށް ހުއްޓާލުމަށެވެ.

comment ކޮމެންޓް