ފަވާދާއި ވާނީގެ ފިލްމު މި މަހު

ޕާކިސްތާނު އެކްޓަރު ފަވާދު ޚާނާއި އިންޑިއާގެ ބަތަލާ ވާނީ ކަޕޫރު އެކީ ކުޅުނު ފިލްމު "އަބީރު ގުލާލް" މި މަހު އިންޑިއާއިން ބޭރު ޤައުމުތަކުގައި ރިލީޒްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހު ސިނަމާތަކަށް ގެންނަން ކުރިން ތާވަލުކުރެވުނު މި ފިލްމަކީ ގިނަ އަހަރުތަކަކަށް ފަހު ބޮލީވުޑްގެ ފިލްމަކުން ފަވާދު ފެންނާނެ ފުރަތަމަ ފިލްމެވެ.

ފިލްމު ރިލީޒްކުރަން ނިންމި ތާރީޚަށް ބަދަލުތަކެއް އައިސް ބެލުންތެރިންނަށް މި ފިލްމު ގެނެސްދެވޭނެކަމުގެ ޔަގީންކަމެއް އެއްވެސް ވަރަކަށް ނެތިފައި އޮވެ، އިންޑިއާއިން ބޭރުގައި ފިލްމު ރިލީޒްކުރުމަށް ނިންމި ނިންމުމަކީ ބެލުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަވާދު ޚާން އަދި ބަތަލާ ވާނީ ކަޕޫރު ފިލްމު "އަބީރު ގުލާލް"ގެ ޕްރޮމޯޝަނަލް ހަފްލާއެއްގައި ދުބާއީގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "އަބީރު ގުލާލް"ގެ ޓީޒާ ރިލީޒްކުރުމާ އެކު ވަރަށް ގިނަ ބަޔަކު ދިޔައީ މި ފިލްމު ރިލީޒްކުރާނެ ތާރީޚަކަށް އިންތިޒާރު ކުރަމުންނެވެ.

ނަމަވެސް، މި އަހަރުގެ އޭޕްރިލް މަހުތެރޭ ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ޕަހަލްގާމްގައި ހަރަކާތްތެރިވި އިންޑިއާގެ ރައްޔިތުންތަކަކަށް ބަޑީގެ ހަމަލާދީ މަރާލުމާ ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ހަމަލާއަށް ފަހު ދެ ޤައުމުގެ މަސްރަހު ގޯސްވެ ޕާކިސްތާނުގެ އެއްވެސް ފަންނާނަކު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރުމަކީ މަނާކަމެއް ކަމަށް އިންޑިއާގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ހަމައެއާއެކު ދެ ގައުމުގެ ފިލްމީ ތަރިންގެ މެދުގައި ވެސް ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، އޭގެ އަސަރު ފަވާދުގެ އިތުރުން އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު ޕާކިސްތާނުގެ އެހެން ފިލްމީ ތަރިންނަށް ވެސް ކުރިއެވެ. އޭގެ ތެރޭގައި މާހިރާ ޚާން، މާވްރާ ހޮސެއިން އަދި ހާނިއާ އާމިރު ހިމެނެއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ އޭޝިއާ ލައިވްގައި ބުނެފައިވާ ގޮތުން ފަވާދާއި ވާނީ އެކީގައި ކުޅެފައިވާ ރީތި ލޯބީގެ ފިލްމު "އަބީރު ގުލާލް" އިންޑިއާއިން ބޭރުގައި ރިލީޒްކުރަން ނިންމާފައިވަނީ މި މަހުގެ 29ވަނަ ދުވަހެވެ.

ނަމަވެސް، އެއީ ކޮން ޤައުމުތަކެއްކަން ހާމަކޮށްފައެއް ނުވެއެވެ. ދާދިފަހުން އިންޑިއާގެ މިއުޒީޝަން އަދި އެކްޓަރު ދިލްޖީތު ދޮސާންޖް ވެސް ވަނީ ޕާކިސްތާނު ބަތަލާއިންތަކެއް ހިމަނައިގެން އުފެއްދި ފިލްމު "ސަރުދާރު ޖީ 3" އިންޑިއާއިން ބޭރުގައި ރިލީޒްކޮށްފައެވެ.

ޕާކިސްތާނު ބަތަލާ ހާނިއާ އާމިރު މުހިންމު ރޯލަކުން ފެނުނު އެ ފިލްމު ރިލީޒްކުރުމާ ދިމާކޮށް ދިލްޖީތަށް އިންޑިއާގެ ފިލްމު ފެޑެރޭޝަނުން އިންޒާރުތަކެއް ދިންއިރު ވަރަށް ގިނަ ބަޔަކު ވަނީ ދިލްޖީތުގެ ފިލްމުތަކާއި މިއުޒިކް ޝޯތައް ބޮއިކޮޓްކޮށް އޭނާ އިންޑިއާއިން ބޭރު ކުރުމަށް ވެސް ގޮވާލާފައެވެ.

comment ކޮމެންޓް