ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ދިން ތާއިދާއި އިތުބާރުގެ ނަތީޖާ ދައްކައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކުޑަރިކިލަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
އެ މަނިކުފާނު ވަނީ ރިޔާސީ އިންތިޚާބުގައި ކުޑަރިލިކުގެ ރައްޔިތުން ދެއްވި ތާއިދާއި އިތުބާރަށް ޝުކުރު ދަންނަވާފައެވެ.
އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑަށް ކުރެއްވި އިތުބާރުގެ ނަތީޖާ ދައްކައިދޭނަމޭ. އެހެންވީމާ، މި ރަށުގެ ކަންކަމުގައި ވެސް އަޅުގަނޑު ތިބޭފުޅުންނަށް ވީ ވައުދުތައް ފުރިހަމަކަމާ އެކީގައި އަދާކޮށްދޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް މުއިއްޒު ކުޑަރިކިލު ރައްޔިތުންނާ ބައްދަލުކުރެއްވުން: ދެއްވީ، ރިޔާސީ އިންތިޚާބުގައި ކުރި އިތުބާރުގެ ނަތީޖާ ދައްކައިދޭނެ ކަމުގެ ޔަގީންކަން ---- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވަނީ ކުޑަރިކިލަށް ވެވަޑައިގެންނެވި ވައުދުތައް ފުރިހަމަކުރާނެކަމުގެ ޔަގީންކަންދެއްވައި، ގިނަ މަޝްރޫއުތަކެއްގެ އާދަހަމަތައް ހިއްސާކުރައްވާފައެވެ.
އެގޮތުން، ކުޑަރިކިލަށް އެންމެ މުހިންމު ކަމެއްގެ ގޮތުން އެ މަނިކުފާނު ފާހަގަކުރެއްވީ، އެ ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއު ފެށުމަށް ތައްޔާރީތައްވެ، ނިމިފައިވާ ކަމަށެވެ. މި މަހުގެ ތެރޭގައި އެ މަސައްކަތްތައް ފަށައި، ސެޕްޓެންބަރުން ފެށިގެން ގިނަވެގެން ހަމަހުގެ ތެރޭގައި ނިންމައިދެެއްވާނެ ކަމަށް ވިދާޅުވިއެވެ.
އިތުރަށް ފާހަގަކުރެއްވި މަޝްރޫއުތައް:
- މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ވަނީ ހަވާލުކޮށްފައި
- މިހާރު ފަށާފައި ހުރި ސުކޫލުގެ މަސައްކަތާއި މަލްޓިޕާޕަސް ހޯލެއް އަޅައިދިނުން
- ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަން
- ކުޑަރިކިލުގައި އިތުރު މިސްކިތެއް އަޅަން މިހާރު ވަނީ ކޮންޓްރެކްޓުގައި ސޮއިކޮށްފައި، ބިން ހަމަޖެހުނުހާ އަވަހަށް މަސައްކަތް ފެށޭނެކަމަށް ވިދާޅުވި
- ފުޓުބޯޅަ ދަނޑުގެ މަސައްކަތް ފުރިހަމަކުރަން މި މަހު ހަވާލުކުރުން
- ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރަކާއި ހޭންޑްބޯލް ކޯޓެއް އަޅާނެކަން
އެ ހުރިހާ މަޝްރޫޢެއް ވެސް ކުރައްވާނީ ވަރަށް ގާތުން ވިލަރެސްކުރެވިގެން ބާރު ދުވެލީގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ގެންދަވަނީ ބ. އަތޮޅަށް ހަތަރު ދުވަހުގެ ދަތުރުފުޅެއް ކުރައްވަމުންނެވެ.