ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް, މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ތަމުރީން ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި ތަމުރީން ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ވޯލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ތިން މަސް ދުވަހަށް ކުރިއަށް ގެންދާ ތަމުރީނު ޕްރޮގްރާމެއް ކަމަށެވެ.
މި ތަމުރީންތަކުގައި ބައިވެރިވާ ޒުވާނުންނަށް ދުވަހު އެލަވަންސް އެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މި ފަހަރު ފުރުސަތު ދޭން ހަމަޖެހިފައިވަނީ ފަސް ޒުވާނަކަށެވެ. އެކަމަކު، އެ އެލަވަންސާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭނެއެވެ. އެގޮތުން، ކަޅުބިލަ މަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާގޮތުގެ ތަމުރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބޭނެއެވެ.
ސެޕްޓެންބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމުރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ސެޕްޓެންބަރު 30 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެހެންވެ، ޝައުގުވެރިވާ ޒުވާނުން މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު އައިޑީ ކާޑުގެ ކޮޕީ އަކާ އެކު، އީމެއިލު ކުރަން، މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 24 އަހަރުން ދަށުގެ ޒުވާނުންނަށެވެ. އަދި، އެ މީހަކީ މަސްވެރިކަމަށް ޝައުގުވެރިވާ، މަސްވެރިންގެ ދަފުތަރުގައި ނުހިމެނޭ މީހުންނަށެވެ.