އައްޑޫ ސިޓީ މީދޫ ޓުއަރިޒަމް ޒޯންގެ ބިމުން އެއްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް އެއްފަރާތަކަށް އެކަނި ދޫކުރީ, އެތައް ބައެއްގެ ހައްގު އުނިވާ ގޮތަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީއަކަށް އެ މައްސަލަ ހުށަހަޅައިގެން ބެލުމަށް އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން ހުށަހަޅުއްވައިފިއެވެ.
އެ ހުށަހެޅުން އޭނާ ހުށަހެޅުއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި މެންބަރު ވިދާޅުވީ، އައްޑޫ ސިޓީ މީދޫ ޓުއަރިޒަމް ޒޯންގެ ބިމުން ބޮޑު ބައެއް ބިޑުކުރުމެއް ނެތި، އަމިއްލަ ފަރާތަކަށް ގަވާއިދާ ޚިލާފަށް ދޭން ހަމަޖެއްސި ކަމަށް ބުނެ އާންމުންނާއި އައްޑޫ ޓުއަރިޒަމް ސެކްޓާގެ ސްޓޭކް ހޯލްޑަރުންގެ ތެރެއިން ގިނަ ބަޔަކު އެ ކަންބޮޑުވުން ހިއްސާކުރި ކަމަށެވެ.
އެ ސިޓީގައިވާ ގޮތުން ބޮޑު ބިމެއް ގަވައިދާ ޚިލާފަށް ހަވާލުކުރީ 'ސަންވިލް ޕްރައިވެޓް ލިމިޓެޑް' ކިޔާ ކުންފުންޏަކަށެވެ. މި ކުންފުންޏަކީ ސަރުކާރުގެ އެކިއެކި ޕްރޮޖެކްޓު ހިންގާ އަމިއްލަ ކުންފުންޏެކެވެ. ސަރުކާރުގެ އެކިއެކި އިމާރާތްތަކާއި އިންޖީނުގެ ފަދަ ތަންތަން އެޅުމަށް މީގެކުރިން ހަވާލުކޮށްފައިވާ ކުންފުންޏެކެވެ.
އަބްދުއްރަހްމާން ވިދާޅުވީ، މީދޫ ޓުއަރިޒަމް ޒޯނުން 17،500 އަކަފޫޓުގެ ތިން ބިން ކަމަށްވާ ޕްލޮޓް ނަންބަރު B1, C5, C4 އެ ކުންފުންޏަށް އެއްކޮށް ދީފައިވާ ކަމަށެވެ.
އެ ތިން ޕްލޮޓްގެ އިތުރުން 47،083 އަކަފޫޓުގެ ބިން އިތުރަށް ދިން ކަމަށާއި، އެއާއެކު އެ ސަރަހައްދުން އެ ކުންފުންޏަށް ދިން ބިމުގެ ސައިޒު 64،583 އަކަފޫޓަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، ކުއްޔަށް ދޫކުރާ ބިމާއެކު އިންވެގެން ލިބޭ ހޭޅިފަށް ނުވަތަ ބީޗު އޭރިއާއާއެކު އެ ކުންފުންޏަށް އެއް ލައްކަ އަކަފޫޓުގެ ބިމެއް ލިބޭ ކަމަށް މެންބަރު 'ސަން' އަށް ވިދާޅުވިއެވެ.
އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި އެއީ ރައްޔިތުންނާއި، ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުމެއް ނެތި އަދި ވަކިން ޚާއްސަކޮށް ބިޑުކުރުމެއް ވެސް ނެތި އެހެން ރައްޔިތުންގެ ހައްގު އުނިވާ ގޮތަށް އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ ކަމެކެވެ.
އަދި އެ ބިންތައް ކުންފުންޏަށް ދޭން ކައުންސިލުން ފާސްކުރީ، ފެބްރުއަރީ 27ގައި ބޭއްވި އެ ކައުންސިލްގެ ޓޫރިޒަމް ކޮމިޓީގެ 46 ވަނަ ބައްދަލުވުމުގައި ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުގައި ޓުއަރިޒަމް ޒޯނުން B1, C5, C4 ޕްލޮޓް އެންމެ ފުރަތަމަ ދޫކުރީ 'ފެހިމޫ ޕްރައިވެޓް ލިމިޓެޑް' ކިޔާ ކުންފުންޏަކަށް 2021 ވަނަ އަހަރެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން އަމަލުކޮށްފައި ނުވުމުން މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން އެ އެއްބަސްވުން އުވާލި ކަމަށް ސިޓީގައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލާ ހަވާލާދީ މެންބަރު ވިދާޅުވީ، އަވަސް ނިންމުމެއް ނިންމުމުގެ ސަބަބުން އެ ބިން ދެވިފައި ވަނީ އެތަނުގެ ތެރެއިން ހެދިފައިވާ މަގާއި، ކަރަންޓު ޑިސްޓްރިބިއުޝަން ބޮކްސްގެ އިތުރުން ޔުޓިލިޓީ ލައިންތައް ހިމެނޭ ގޮތަށް ކަމަށެވެ. އަދި އެ ބިން ދީފައިވަނީ އެހިސާބުން އޭގެ ކުރިން ބިން ލިބިފައިވާ ފަރާތެއްގެ ބިމަށް ވެސް ފުށުއަރާ ގޮތަށް ކަމަށް ސިޓީ ކައުންސިލާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އައްޑޫގެ ބާކީ ޓުއަރިޒަމް ޒޯންތަކުން ވެސް ގަވައިދާ ޚިލާފަށް ބިންތައް ކުއްޔަށް ދެމުންދާކަމުގެ ޝަކުވާތައް ދަނީ ލިބެމުންނެވެ.
އެހެންކަމުން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކަށް އެ މައްސަލަ ހުށަހަޅައިގެން ވީ އެންމެ އަވަހަކަށް އެ މައްސަލަ ބަލައިދިނުމަށް އަބްދުއްރަހްމާން ވަނީ މަޖިލިސް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.