ވަގު ސިނގިރޭޓު ވިއްކުން އާންމުވެއްޖެ، އަދިވެސް ނުހުއްޓުވޭ

ވަގަށް އެތެރެކޮށްގެން އަތުލައިގަތް މެންޗިސްޓާ ބްރޭންޑްގެ ސިނގިރޭޓުތަކެއް -- ފޮޓޯ/ ކަސްޓަމްސް

މި ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން، ސިނގިރޭޓުގެ އަގު ބޮޑުވެ، ވަގު ސިނގިރޭޓު ވިއްކުން އާންމުވެއްޖެއެވެ.

ދުންފަތާ ދުރުކުރުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން ވަނީ، ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، މީގެ 10 މަސްކުރިން ސަރުކާރުން ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިން ގުނައަށް ވަނީ ބޮޑުކޮށްފައެވެ. އަދި، ޖީލަކަށް ދުންފަތް މަނާކުރަން ނިންމައި، ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ވަނީ ކަނޑައަޅާފައެވެ.

ވަކިން ސިނގިރޭޓު ވިއްކުން ވެސް މަނާކޮށްފައިވާއިރު، ބަދަލުތަކާ އެއްކޮށް ސިނގިރޭޓު ފޮއްޓެއްގެ އަގު އެވްރެޖުކޮށް 290 ރުފިޔާއަށް އުފުލުނެވެ. ސިނގިރޭޓު ގަންނަން ރޫޓު ފިހާރަ ކުރިމަތީ ބޮޑެތި ކިޔޫތައް ވެސް މީހުން ހެދިއެވެ. އަދި، ފިހާރަތަކުން ސިނގިރޭޓު ގަތުން ގިނަ ބަޔަކަށްވީ ބޮޑު މާލީ ބުރަޔަކަށެވެ. އެހެންވެ، ޖީބުން ބޮޑު ޚަރަދެއް ހިނގާނެތީ އަގުހެޔޮކޮށް، ވަގަށް ވިއްކާ ސިނގިރޭޓާއި ބިޑިއަށް ގިނަ ބަޔަކު ބަދަލުކުރިއެވެ.

މީގެކުރިން ވަގަށް އެތެރެކޮށްގެން އަތުލައިގަތް ސިނގިރޭޓު ކާޓަންތަކެއް: މިހާރު ވަގު ސިނގިރޭޓުގެ ވިޔަފާރި ވަނީ އާންމުވެފައި ---- ފޮޓޯ/ ފުލުހުން

https://sun.mv/199429

މިހާރު ވަގަށް ސިނގިރޭޓު ވިއްކުމަށް ސޯޝަލްމީޑިއާގައި އިޝްތިހާރު ވެސް ޖަހައެވެ. އާންމުކޮށް ވަގަށް ވިއްކަނީ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު ކާޓަންއެވެ. ކާޓަންއެއް އާންމުކޮށް ވިއްކަނީ ހާހެއްހާ ރުފިޔާއަށެވެ. އެފަދަ ބައެއް ތަންތަނުން ޑެލިވަރީގެ ޚިދުމަތް ވެސް ފޯރުކޮށްދެއެވެ.

މި މައްސަލައާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ސުވާލުކުރި ނަމަވެސް މިހާތަނަށް ޖަވާބެއް ނުލިބެއެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި، މި ނުރައްކާތެރި ވަބާގައި ޖެހޭ މީހުން ކެންސަރަށް މަގުފަހިވުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން، ދިގުމުއްދަތަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަރުވަނީ، ރާއްޖޭގައި މީހުން މަރުވާ އެވްރެޖް އުމުރަށްވުރެ ހަގުކޮށް ދުންފަތާ ގުޅުންހުރި ކޮންމެވެސް ބައްޔެއްގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން ގިނަ އަދަދެއްގެ ވަގަށް ސިނގިރޭޓު ކާޓޫނު އެތެރެކޮށްގެން ފަޅާ އެރި މައްސަލަތައް ވެސް އިތުރުވިއެވެ.

comment ކޮމެންޓް