ވ. އަތޮޅު ވޮލީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކެޔޮދުއަށް

މުބާރާތުގައި ކެޔޮދޫ އާއި ފެލިދޫ ކުޅުނު މެޗުގެ ތެރެއިން--- ..

ވ. އަތޮޅު ވޮލީ މުބާރާތުގައި ވާދަ ކުރާ ޓީމްތަކުގެ ތެރެއިން އަންހެން ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ޖާގަ ކެޔޮދޫން ކަށަވަރުކޮށްފިއެވެ.

ފޯރިގަދަ މުބާރާތުގައި އިއްޔެ ކުޅުނީ ކެޔޮދުއާއި ފެލިދޫ އެވެ. ކެޔޮދޫން ފުރަތަމަ ސެޓް ކާމިޔާބުކުރީ 25-23 އިންނެވެ.

ދެވަނަ ސެޓް ކުޅެން ފަށައި ކެޔޮދޫން ލީޑް ނަގާފައިވަނިކޮށް ފަހަތުން އަރައި ފެލިދޫން ކުރި ހޯދިއެވެ.

ވަރަށް ވާދަވެރިކޮށް ނިމުނު ސެޓް ފެލިދޫން ހޯދީ 29-31 އިންނެވެ. ޖެހިގެން އައި ސެޓް ކެޔޮދޫން 20-25އިން ހޯދުމުން ހަތަރުވަނަ ސެޓް ކުޅެން ޖެހުނެވެ. ފަހު ސެޓް ކެޔޮދޫން 14-25 ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރިއެވެ.

މި މުބާރާތުގައި އަންހެން ޑިވިޝަންގެ ލީގް އުސޫލުން ކުޅޭ ހުރިހާ މެޗްތަކެއް ވަނީ ނިމިފައެވެ.

ފައިނަލުގައި ކެޔޮދޫއާއެކު ކުޅޭ ޓީމެއް އެނގޭނީ މާދަމާ ކުޅޭ ސެމީފައިނަލް މެޗު ނިމުމުންނެވެ. ސެމީގައި ބައްދަލުކުރާނީ ފުލިދޫއާއި ފެލިދޫ އެވެ.

ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ފިރިހެން ޑިވިޝަނުގައި ހަތަރު ޓީމު، އަދި އަންހެން ޑިވިޝަނުގައި ތިން ޓީމު ވާދަކުރެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު ޓީމު ލީގު ފޯމެޓަށް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ލިބޭ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ.

ދެ ޑިވިޝަނުގެ ފައިނަލް މެޗުގެ ތެރެއިން އަންހެން ޑިވިޝަނުގެ ފައިނަލް މެޗު އަންނަ ހުކުރު ދުވަހު ކުޅޭއިރު ފިރިހެން ޑިވިޝަނުގެ ފައިނަލް ތާވަލުކޮށްފައިވަނީ ހޮނިހިރު ދުވަހަށެވެ.

މި މުބާރާތަކީ ވ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވަމުން އަންނަ އެންމެ ފޯރިގަދަ މުބާރާތެވެ. ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް މިއަހަރު ކުރިއަށްދަނީ ވ. ފެލިދޫގައެވެ.

ގައުމީ ލެވެލްގައި ވ. އަތޮޅަކީ ފާހަގަކޮށްލެވޭ އަތޮޅެކެވެ. އެގޮތުން ގައުމީ އަންހެން އަދި ފިރިހެން ޓީމުގައި ވ. އަތޮޅަށް ނިސްބަތްވާ ގިނަ ކުޅުންތެރިން އެކި ދުވަސްވަރު ކުޅެފައިވެއެވެ. އަދި ގައުމީ ލެވެލްގެ ވަރުގަދަ ޓީމުތަކުގައި ވެސް ވ. އަތޮޅުގެ ކުޅުންތެރިން ހިމެނެއެވެ.

މުބާރާތުގެ ފައިނަލް މެޗު އެސްއެސް ޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް