ރަޝިއާއިން 2017 ވަނަ އަހަރު މިސް ޔުނިވާސްގެ ތާޖަށް ވާދަކުރި އެ ޤައުމުގެ މަޝްހޫރު މޮޑެލް ސެނިއާ އެލެކްސެންޑްރޮވާއަށް ދިމާވި ހާދިސާއެއްގައި މަރުވެއްޖެއެވެ.
އުމުރުން 30 އަހަރުގެ ސެނިއާ މަރުވެފައި ވަނީ އޭނާ އާއި ފިރިމީހާ އިލްޔާ ދަތުރުކުރަމުންދިޔަ ކާރުގެ ކުރިމައްޗަށް ދަޅުފީނި ފުއްލާއެއް އަރައި ކާރުގެ ކުޑަދޮރުން އޭތި ވަނުމާ ގުޅިގެން ލިބުނު ގެއްލުންތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
މި ހާދިސާ ހިނގާފައި ވަނީ އެ ދެމަފިރިން ރަޝިއާގެ އަވަށެއް ކަމަށްވާ ރެޒްހެވްއަށް ކުރި ދަތުރު ނިންމާލުމަށްފަހު އެނބުރި ގެއަށްދިޔަ މަގުމަތީގައެވެ.
ރަޝިއާގެ ނޫސް މަޖައްލާތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން މި ހާދިސާގައި ސެނިއާގެ ބޮލަށް ބޮޑެތި ޒަޚަމްތަކެއް ލިބުމާ ގުޅިގެން އޭގެ އަސަރު އޭނާގެ ސިކުނޑިއަށް ވެސް ވަނީ ކޮށްފައެވެ.

ސެނިއާ އޭނާގެ ފިރިމީހާ އިލްޔާއާ އެކު ކައިވެނީގެ ހަފްލާގައި. ދެ މީހުން ކައިވެނިކޮށްފައި ވަނީ މީގެ ހަތަރު މަސް ކުރިން--ފޮޓޯ/ހިންދުންސްތާންޓައިމްސް
ސެނިއާ މަރުވެފައި ވަނީ ސިކުނޑިއަށް ލިބުނު ގެއްލުންތަކަށް ފަރުވާ ހޯދުމަށްފަހު ކޯމާއެއްގައި އޮތުމަށްފަހު މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. މި ހާދިސާގައި ސެނިއާގެ ފިރިމީހާއަށް މާބޮޑު އަނިޔާތަކެއް ލިބިފައި ނުވާއިރު ފަރުވާއަށްފަހު އޭނާ ވަނީ މިހާރު ގެއަށް ދޫކޮށްލާފައެވެ.
ރަޝިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ސެނިއާގެ ފިރިމީހާ ބުނެފައި ވަނީ އެ މީހުންގެ ކާރު ކުރިމައްޗަށް ދަޅުފީނި ފުއްލާ އެރުމަށްފަހު ކާރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އޭގެ ބައިތައް ކާރުތެރެއަށް ވަންނަން ހިނދުކޮޅެއް ވެސް ނުނަގާ ކަމަށެވެ.
އެވަގުތު އަންހެނުން ސެނިއާގެ ބޮލަށް ލިބުނު އަނިޔާއާ އެކު މުޅި ކާރުތެރެ އޮތީ ލެއިން ތެމި ފޯވެފައިވާ ކަމަށާއި އިތުރު އެހެން ކަމަކާ ވިސްނާނެ ވަގުތެއް އޭނާއަށް ނުލިބުނު ކަމަށް ސެނިއާގެ ފިރިމީހާ ވަނީ ބުނެފައެވެ.
ޓެލެވިޒަން ހޯސްޓެއްގެ އިތުރުން ސައިކޮލޮޖިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ސެނިއާ މަރުވެފައި މިވަނީ އޭނާގެ ކައިވެންޏަށް އެންމެ ހަތަރު މަސް ވެފައި ވަނިކޮށެވެ. ސެނިއާ މިސް ޔުނިވާސްގެ މުބާރާތުން 2017 ވަނަ އަހަރު ވަކިވީ ލަސް ވެގަސްގައި ކުރިއަށްދިޔަ ބައިގައި ބައިވެރިވި ޓޮޕް 16 ބައިވެރިންގެތެރޭ ވެސް ނުހިމެނިއެވެ.