އަންނަ މަހު ސިނާމަތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީގެ ޕޮލިޓިކަލް ޑްރާމާ "ދަ ބެންގާލް ފައިލްސް"ގެ ކޮންޓެންޓާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.
އިންޑިއާގައި 1946 ވަނަ އަހަރު ހިނގި 'ގްރޭޓް ކަލްކަތާ ކިލިންގްސް'ގެ ހާދިސާތައް ކިޔައިދޭ މި ފިލްމުގައި ދައްކުވައިދޭ ކެރެކްޓަރު ގޯޕަލް މުކަރުޖީގެ ކެރެކްޓާ ގެނެސްދީފައިވަނީ އެ އާއިލާގެ ހުރުމަތް ކެނޑޭފަދަ ގޮތަށް ކަމަށް ގޯޕާލް މުކަރުޖީގެ ކާފަ ދަރިފުޅު ޝަންތަނޫ މުކަރުޖީ ވަނީ ބުނެފައެވެ.
ޝަންތަނޫގެ ކާފަ ގޯޕާލް މުކަރުޖީއަކީ އޭރު އިންޑިއާގެ ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމަށް ކުރިއަށްދިޔަ 'ފްރީޑަމް މޫވްމަންޓް'ގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި މީހެއް ނަމަވެސް ވިވެކްގެ ފިލްމުގައި ކާފަ ސިފަކޮށްފައިވަނީ ރަހުމްކުޑަކޮށް މީހުން ކަތިލާ މަރާލާ މީހެއްގެ ގޮތުގައި ކަމަށް ޝަންތަނޫ ހުށަހެޅި މައްސަލައިގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ފިލްމު "ދަ ބެންގާލް ފައިލްސް"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވިވެކް އާއި އަންހެނުން ޕައްލަވީ ބައިވެރިވަނީ--ފޮޓޯ/ހިންދުންސްތާންޓައިމްސް
އެފަދަ ގޮތަކަށް ޝަންތަނޫގެ ކާފަ ސިފަކޮށް ގެނެސްދިނުމަކީ އެ މީހުން ނިސްބަތްވާ ކޮމިއުނިޓީއަށާއި އާއިލާއަށް ވެސް އިހުތިރާމު ކުޑަކޮށް މުޅި ތާރީޚު އޮޅުވާލުން ކަމަށް ޝަންތަނޫ ވަނީ ބުނެފައެވެ.
ފިލްމު "ދަ ބެންގާލް ފައިލްސް" އުފެއްދުމުގެ ކުރިން އެ ފިލްމުގައި ގެނެސްދޭ ހާދިސާތަކާ ބެހޭ ފުރިހަމަ މައުލޫމާތު ވިވެކް އެއްކޮށްފައިނުވާކަން މިކަމުން ސާބިތުވާ ކަމަށާއި ނުބައި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ތާރީޚީ ވާހަކައެއް ގެނެސްދޭން ނިންމިއިރު އެކަމާ ގުޅިގެން އާއްމުންގެ ފަރާތުންނާއި އެ އާއިލާގެ ފަރާތުން މައާފަށް އެދެން ޝަންތަނޫ ވަނީ ވިވެކަށް ގޮވާލާފައެވެ.
މި ފިލްމުގައި ގެނެސްދިން ޝަންތަނޫގެ ކާފަގެ ކެރެކްޓާއާ ގުޅޭގޮތުން އާއިލާގެ ފަރާތުން އެއްވެސް މައުލޫމާތެއް ވެސް މިހާތަނަށް ވިވެކްގެ ޓީމުން ހޯދާފައިނުވާ ކަމަށް އޭނާ ވަނީ ދައުވާކޮށްފައެވެ.
ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް މިހާތަނަށް ފިލްމުތަކެއް އުފައްދަމުން އަންނަ ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީގެ "ދަ ބެންގާލް ފައިލްސް"އަކީ އޭނާ ގެނެސްދޭ "ފައިލްސް ޓްރިލޮޖީ"ގެ ދަށުން އުފައްދާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ގެނެސްދޭނެކަން އިއުލާނުކޮށްފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހެވެ.