ބޮލީވުޑް އެކްޓަރު އަޔުޝްމާން ކުރާނާ މުހިއްމު ރޯލް ކުޅޭ މެޑްޑޮކް ފިލްމްސްގެ "ތާމާ"ގައި އޭނާ ފެންނާނީ އިންސާނުންނާ މެދު އެއްވެސް ރަހުމެއްނެތް ނުރައްކާތެރި ވެމްޕަޔަރެއްގެ ރޯލްއިން ކަމަށް މެޑްޑޮކް ފިލްމްސްއިން ބުނެފިއެވެ.
އިންޑިއާގެ މި އަހަރުގެ ދިވާލީ ފެސްޓިވަލާ ދިމާކޮށް ސިނަމާތަކަށް ގެންނަ "ތާމާ"ގެ ފަސްޓް ލުކް ޕޯސްޓާސް މިއަދު ދައްކާލިއިރު ފިލްމުގައި އަޔުޝްމާނާ އެކު ބަތަލާގެ ރޯލްއިން ފެންނާނެ ރަޝްމިކާ މަންދާނާގެ ކެރެކްޓާ ވެސް ވަނީ ދައްކާލާފައެވެ.
މީގެއިތުރުން ފިލްމުގައި މުހިއްމު ރޯލް ކުޅޭ ނަވާޒުއްދީން ސިއްދީގީ އަދި ޕަރޭޝް ރާވަލް ފިލްމުގައި ފެންނާނެ ގޮތުގެ ޕޯސްޓަރު ވެސް ވަނީ އާއްމުކޮށްފައެވެ.
ނެޝަނަލް އެވޯޑު ވެސް ލިބިފައިވާ އަޔުޝްމާންގެ ޕޯސްޓަރާ އެކު މެޑްޑޮކް ފިލްމްސްގެ ޕޯސްޓުގައި ބުނެފައި ވަނީ އަލޯކްގެ ނަމުގައި ގެނެސްދޭ ކެރެކްޓާ އަކީ އިންސާނިއްޔަތުކަން ފެންނާނެކަމަށް އުއްމީދުކުރާވަރުގެ ކެރެކްޓާއެއް ނޫން ކަމަށެވެ.

ފިލްމީ ތަރިން ކަމަށްވާ އަޔުޝްމާން ކުރާނާ އަދި ރަޝްމިކާ--ފޮޓޯ/މިޑް-ޑޭ
ހަމައެއާއެކު ރަޝްމިކާ ކުޅޭ ކެރެކްޓާ ތަޅާކާ އަކީ ވަރަށް ގިނަ ބަޔަކަށް އުއްމީދުގެ ހުޅުކޮޅު ރޯކޮށްލަދޭނެ ކެރެކްޓާއެއް ކަމަށް މެޑްޑޮކް ފިލްމްސްއިން ސިފަކޮށްފައިވެއެވެ.
މި ފިލްމުގައި ނަވާޒުއްދީން ވެސް ވަރަށް ތަފާތު ލުކްއެއްގައި ފެންނާނެއިރު އެކްޓަރު ޕަރޭޝް އަކީ މިހާތަނަށް ވެސް ކޮމެޑީ ރޯލް ކުޅުމަށް ފޯރި ހުންނަ އެކްޓަރެއް ކަމުން މި ފިލްމުގައި ވެސް ކޮމެޑީގެ ކުލަވަރު ޕަރޭޝްގެ ފަރާތުން ފެންނާނެ ކަމަށް ވަނީ ބުނެފައެވެ.
ފިލްމު "ތާމާ"ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބުނެފައިވާ ގޮތުގައި މިއީ އެ ޕްރޮޑަކްޝަންގެ ކޮމެޑީ ޔުނިވާސްއިން މިހާތަނަށް ގެނެސްދިން ހޮރޯ ކޮމެޑީތައް ކަމަށްވާ "އިސްތިރީ" އާއި "ބޭޅިޔާ" އަދި "މުންޖިއާ"އާ އެކު އެ ސީރީސްތަކަށް އިތުރުވި މުޅީން ތަފާތު ހޮރޯ ކޮމެޑީ ފިލްމެއް ކަމަށެވެ.