ހަފުތާ ބަންދާހަމައަށް މާލޭ ސަރަހައްދަށް ވިއްސާރަ

މާލޭގެ މަގެއް މަތީގައި ފެންބޮޑުވެފައި: ހަފުތާ ބަންދާ ހަމައަށް މާލެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް މެޓުން ބުނެފި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ކުރިއަށްއޮތް ހަފުތާ ބަންދާ ހަމައަށް މާލެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ.

މިއަދު މާލޭ ސަރަހައްދާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވަނީ ހެނދުނުން ފެށިގެން ވާރޭ ވެހިފައެވެ. އެހެންކަމުން ކުރިއަށް އޮތް ދެތިން ދުވަހަށް މޫސުން ލަފާކުރާގޮތާ ގުޅިގެން ސުވާލުކުރުމުން މެޓް އޮފީހުން ބުނީ ރާއްޖޭގެ އެއްވެސް ހިސާބަކަށް މޫސުން މާ ގޯސްވެދާނެ ކަމަކަށް ލަފާނުކުރެވޭ ކަމަށެވެ.

ނަމަވެސް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވިލާގަނޑުގައި ކެރީގެ އަސަރު ފޯރާނެކަމަށް މެޓުން ލަފާކުރެއެވެ. ވާރޭވެހުނު ނަމަވެސް، އުދައިގެ އެއްވެސް އަސަރެއް ރަށްރަށަށް ކުރާނެކަމަށް ލަފާނުކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މެޓުން ބުނި ގޮތުގައި ރޭ އެއްކޮށް ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވެ ވިއްސާރަކުރިއެވެ.

މިއަދުގެ މޫސުން ލަފާކޮށް މެޓުން ބުނި ގޮތުގައި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވެއެވެ. މެދުރާއްޖެތެރެއަށް ވިއްސާރަކުރި ނަމަވެސް އުތުރުގެ ރަށްތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ބުންޏެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި ދޭއް ނުވަތަ ހަތަރު ފޫޓު ހުންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މޫސުން ގޯސްވާ ދުވަސްވަރު ދަތުރުފަތުރުކުރާ މީހުން ސަމާލުވުމަށް އަބަދުވެސް ކަމާ ބެހޭ އިދާރާތަކުން ނަސޭހަތްތެރިވެއެވެ.

މީގެ ކުރިން ވެސް މޫސުން ގޯސްއިރު ކަނޑުމަތީގައި ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގައި މީހުންގެ ފުރާނަ ގެއްލި، އެތައް ބައެއްގެ މުދަލަށް ގެއްލުންވެފައި ވެސް އެބަހުއްޓެވެ.

comment ކޮމެންޓް