އެމްއެސްޕީއޭ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމަކަށް "ގޮށްރާޅު"

ގޮށްރާޅުގެ ޓީމުން އެވޯޑާ ހަވާލުވުން: އެ ފިލްމަށް ވަނީ އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ), ފިލްމު އެވޯޑްސް 2024ގެ އެންމެ މޮޅު ފިލްމަކަށް "ގޮށްރާޅު" ހޮވިއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ދިވެހި ފިލްމު އެވޯޑުގައި ނޮމިނޭޓްކޮށްފައިވަނީ 2019 އިން ފެށިގެން 2023ގެ ނިޔަލަށް ނެރެފައިވާ ފިލްމުތަކެވެ. އެގޮތުން އެންމެ މޮޅު ފިލްމަކަށް "ގޮށްރާޅު" ހޮވުނުއިރު، މި އެވޯޑަށް، ދިވެހި ފިލްމު ދެވަންސޫރަ، މާމުއި، އަދި ނީނާ ވަނީ ވާދަކޮށްފައެވެ.

މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާ އެކު ކުރިޔަށް ގެންދިޔަ މި ހަފުލާގައި، 2019 އިން ފެށިގެން 2023ގެ ނިޔަލަށް ނެރެފައިވާ ފިލްމުތަކުގެ ތެރެއިން އެކި ކެޓެގެރީތަކުން އެންމެ މޮޅު އެކްޓަރުންގެ އިތުރުން ޅެން، ސްޓޯރީ، ސައުންޑު އިންޖިނިއަރިން، ވިޝުއަލް އެފެކްޓް، މޭކަޕް، ކޮރިއޮގްރަފީ، ކޮސްޓިއުމް ޑިޒައިނާ، ގްލެމާ މޭކަޕްގެ އިތުރުން، ވެސް އެކި އެވޯޑްތައް ވަނީ ދީފައެވެ.

އެމްއެސްޕީއޭ ފިލްމު އެވޯޑްސް 2024ގެ ހަފުލާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

މި އެވޯޑް ހަފުލާގައި ދީފައިވާ ބައެއް އެވޯޑުތަކާއި، އެ އެވޯޑުތައް ހާސިލް ކުރި ފަރާތްތައް:

  • އެންމެ މޮޅު ފިލްމު: ގޮށްރާޅު
  • އެންމެ މޮޅު ލީޑް އަންހެން އެކްޓަރު: ނިއުމާ މުހައްމަދު
  • އެންމެ މޮޅު ލީޑް ފިރިހެން އެކްޓަރު: ޖުމައްޔިލް ނިމާލް
  • އެންމެ މޮޅު އަންހެން ސަޕޯޓިން އެކްޓަރު: ވާޝިއާ މުހައްމަދު
  • އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރު: ޔޫސުފް ޝަފީޢު
  • އެންމެ މޮޅު ޑައިރެކްޓަރު: އަޙްމަދު ސިނާން (ގޮށްރާޅު)

އެންމެ މޮޅު ސަޕޯޓިން އެކްޓަރު ގެ އެވޯޑު ލިބުނު ޔޫސުފް ޝަފީޢު(ޔޫއްޕެ)އަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

މި އެވޯޑް ހަފުލާގައި އެމްއެސްޕީއޭގެ ޗެއާމަން މުހައްމަދު ރަޝީދު (ދަރާ) ބުނީ މި އެވޯޑު ހަފުލާ އަކީ މިދިޔަ އަހަރުގެ މޭ، މަހުގެ ތެރޭގައި ބާއްވަން އުޅުނު ހަފުލާއެއްކަމަށެވެ. ނަމަވެސް ދިމާވި ދަތިތަކުގެ ސަބަބުން އެވޯޑު ހަފުލާ ނުބޭއްވި ދިޔައީކަަމަށެވެ.

ރާއްޖޭގައި ފަންނާނުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް އޭނާ ބުނީ، ފިލްމް އެވޯޑު ހަފުލާ ބޭއްވުމަށް އިދާރާތަކުން އެއްބާރުލުން ނުލިބި އުފުލަންޖެހުނީ ވޭނާއި އުދަނގޫ ހާލަތެއްކަމަށެވެ. އެގޮތުން ހަފުލާ ލައިވް ކޮށްދޭނެ މީޑިއާއެއް ނުވެގެން އުޅެނިކޮށް، އެއްބާރުލުން ދިނީ "އެސްއެެސް ޓީވީ"ކަން ފާހަގަކޮށް "ސަން ސިޔާމް މީޑިއާ"ގެ ވެރިންނަށާއި މުވައްޒަފުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

އެމްއެސްޕީއޭ ފިލްމު އެވޯޑްސް 2024ގެ ހަފްލާގެ ތެރެއިން: ޗެއާމަން ދަރާ ރަޝީދު ވާހަކައިގައި، ފިލްމު އެވޯޑު ބޭއްވުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ އެއްބާރުލުން ނުލިބޭކަން ވަނީ ފާހަގަކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ދަރާގެ ވާހަކައިގައި، ކަމާ ގުޅުންހުރި އިދާރާތަކާއި، ދާއިރާގެ ބައެއް ފަރާތްތަކުގެ އެއްބާރުލުން ނުލިބޭކަން ފާހަގަކޮށް އިތުރަށް ބުނީ ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ކުރިޔަށް އޮތް ތަނުގައިވެސް ދޫނުދީ، ދާއިރާގެ ފަންނާނުންގެ އަގު ވަޒަންކޮށް އެވޯޑު ހަފުލާތައް ބާއްވައި، ކުރިއެރުމަށް ކުރެވެންހުރި މަސައްކަތެއް ކުރާނެކަމަށެވެ.

ފިލްމީ ފަންނާނުންގެ އެވޯޑެއް އެންމެ ފަހުން ބާއްވާފައި ވަނީ 2023 ވަނަ އަހަރެވެ. އެއީ "ދިވެހި ފިލްމީ ފަންނާނުންގެ" އެވޯޑެވެ.

comment ކޮމެންޓް