ދުޅަހެޔޮކޮށް ހުރުމުގެ ސިއްރަކީ ކަމަށް ކަމޭހިތައި ހަށިގަނޑާ މެދު ފަރުވާތެރިވުން: އަކްޝޭ

ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު--ފޮޓޯ/ފިލްމުފެއަ

އުމުރުން 57 އަހަރުގައި ވެސް ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވުމުގެ ސިއްރުތައް ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު ހާމަކޮށްފިއެވެ.

ދާދިފަހުން މުމްބާއީގައި ފޮތެއް ލޯންޗުކުރުމަށް ބޭއްވި ހަފުލާއެއްގައި އަކްޝޭ ބުނީ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަކީ އުނދަގޫކަމެއް ކަމަށް ހީކުރެވުނަސް ހަގީގަތުގައި އެއީ ހީކުރާ ވަރަށް ވުރެ މާ ފަސޭހަ ކަމެއް ކަމަށެވެ.

އެކަމަށް ބޭނުންވަނީ ހިތުގެ އަޑިން އަމިއްލަ މީހާ ނިންމާ ނިންމުންތައް ގަބޫލުކޮށް އެގޮތުގައި ދެމިހުރެ އެކަންކަމަށް އަމަލުކުރުން ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް އަމިއްލަ ސިއްހަތާ މެދު ފަރުވާތެރިވުމަށް އާއްމުންނަށް ގޮވާލާފައިވާ އެކްޓަރު ބުނީ އަމިއްލަ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އުސޫލާ އެއްގޮތަށް އަމަލުކުރާ ކަމަށެވެ.

އަކްޝޭ ފިލްމު "ސޫރްޔަވަންޝީ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްބަބްލްސް

އޭގެތެރޭގައި ގަވައިދުން ހަފުތާއަކު އެއް ދުވަހު ނުކައި ހުންނަ ކަމަށާއި، ކޮންމެ ދުވަހެއްގެ ވެސް ރޭގަނޑުގެ ކެއުން އިރު އޮއްސި 6:30ގައި ކާ ކަމަށާއި އަދި ހެވީ ލިފްޓިންގް ނުހިމެނޭ ކަސްރަތު ގަވައިދުން ކުރުން ހިމެނޭ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

ރޭގަނޑު މާ ލަހުން ކެއުމަކީ އަކްޝޭ ގަބޫލުކުރާ ގޮތުގައި ހަށިގަނޑަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް މި އިވެންޓުގައި ވަނީ ބުނެފައެވެ. ސަބަބަކީ ނިދުމަށްފަހު ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަށް ވެސް އަރާމު ބޭނުންވާއިރު މާ ލަހުން ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމުން އެންމެ އެދެވޭ ގޮތަށް ހަށިގަނޑުގެ ގުނަވަންތަކަށް ލިބެންޖެހޭ އަރާމު ލިބުމަށް ހުރަސްތަކެއް އަޅާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ރޭގަނޑުގެ ކެއުން ލަހުން ކެއުމަށްފަހު ލަހުން ނިދާ ހެނދުނު ހޭލުމަށްފަހު ނާސްތާ ނެގުމާ އެ ދެމެދު ބަނޑުގެ ގުނަވަންތަކަށް ލިބެންޖެހޭ އަރާމު ނުލިބުމާ ގުޅިގެން ވަރަށް ގިނަ ބަލިތަކަށް މީހާ ހުށަހެޅޭ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

އެއީ ވަކި ސިއްހީ މާހިރެއް ނުވަތަ ޓްރެއިނާއެއްގެ ގާތުން ހޯދަންޖެހޭ މައުލޫމާތު ނޫންކަމަށާއި އިންސާނާގެ ތަބީއަތާ ގުޅިފައިވާ ކަމެއް ކަމުން އެ މައުލޫމާތު ކޮންމެ މީހަކަށް ވެސް އެނގުން މުހިއްމު ކަމަށް ކާމިޔާބު އެކްޓަރު ވަނީ ބުނެފައެވެ.

އުމުރުން ދުވަސްވެފައިވީ ނަމަވެސް އަކްޝޭ ހިމެނެނީ ބޮލީވުޑްގެ އެކްޓަރުންގެތެރެއިން އެންމެ ފިޓުކޮށް އަދި އެކްޝަން ސްޓަންޓްތައް ކުޅުމުގައި އެންމެ ބުންވަރު ވަރުގަދަ ފިލްމީތަރީގެ ގޮތުގައެވެ. އަކްޝޭ އެންމެފަހުން ބެލުންތެރިންނަށް ފެނުނީ މިދިޔަ ޖޫން މަހު ރިލީޒްކުރި ފިލްމު "ހައުސްފުލް 5"އިންނެވެ.

comment ކޮމެންޓް