މަސްވެރިޔާ ކާޑަށް އޮޅިގެން ދޫކުރި ތިން ލައްކައިގެ މައްސަލައިގައި ހައިކޯޓުން ވެސް ބީއެމްއެލްއަށް ނާކާމިޔާބު

މަސްވެރިއެއް: މަސްވެރިޔާ ކާޑަށް އޮޅިގެން ދޫކުރި ތިން ލައްކައިގެ މައްސަލައިގައި ހައިކޯޓުން ވެސް ބީއެމްއެލްއަށް ވަނީ ނާކާމިޔާބުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި މަސްވެރިއެއްގެ ކޭޝް ކާޑާ ގުޅިފައިވާ އެކައުންޓަށް އޮޅިގެން ދޫކުރެވުނު ފައިސާގެ މައްސަލައިގައި، ހައިކޯޓުންވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ނާކާމިޔާބު ވެއްޖެއެވެ.

ބީއެމްއެލްއިން ހުވަދު އަތޮޅުގެ މަސްވެރިއަކަށް ދޫކޮށްފައިވާ "މަސްވެރިޔާ ކާޑަށް" އެ ބޭންކުގެ ޓެކްނިކަލް މައްސަލައަކުން އިތުރަށް ފައިސާ ޖަމާ ކުރެވުމުން, ބޭންކުން ވަނީ އެ ފައިސާ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަން މަސްވެރިޔާއާއެކު އެއްބަސްވުމަކަށް ގޮސްފައެވެ. ނަމަވެސް މަސްވެރިޔާ އެ ފައިސާ އެ އެއްބަސްވުމާ އެއްގޮތަށް ނުދައްކާ ކަމަށް ބުނެ, ފައިސާ ހޯދަން ބޭންކުން ފަހުން ވަނީ ކޯޓަށް ހުށަހަޅައިފައެވެ.

މި މައްސަލަ ބޭންކުން ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. އެކަމަކު އެ ކޯޓުން ބޭންކުން ބޭނުންވާ ގޮތަށް ހުކުމް ނުކުރުމުން، ދެން ބޭންކުން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.

މި މައްސަލައިގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސިވިލް ކޯޓުން ހުކުމް ކުރީ، އޮޅިގެން ދޫކުރެވުނު ފައިސާއަކީ ލޯނެއްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ ކަމަށް ސާބިތު ނުވާ ކަމަށެވެ. އޮޅިގެން ދޫކޮށްފައިވަނީ 345،200 ރުފިޔާއެވެ.

ސިވިލް ކޯޓުން ބޭންކަށް ކާމިޔާބު ނުވުމުން، ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރީއެވެ. ހައިކޯޓުން އެ އިސްތިއުނާފު ނިންމީ މިއަދެވެ.

މި މައްސަލައިގައި ހައިކޯޓުގެ ޝަރީއަތުގައި ފަނޑިޔާރުންގެ ސުވާލުތަކަށް ބޭންކުން ޖަވާބުދިންއިރު، މަސްވެރިޔާ ކާޑުން އިތުރަށް ފައިސާ ނަގާފައިވާތީ އެ ފައިސާ ސެޓްލްކޮށް، ލޯނެއްގެ ގޮތަށް ރީސްޓްރަކްޗާކޮށް ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށް، ލޯނު އެކައުންޓެއް ވަކިން ހުޅުވީކަމަށް ބުނެފައިވެއެވެ.

ނަމަވެސް މައްސަލަ ރައްދުވި މަސްވެރިޔާ ބުނެފައިވަނީ, އެ ފަދަ ލޯނަކަށް އެދިފައި ނުވާނެ ކަމަށެވެ. އަދި އޭނާއަށް ލޯނެއް ދޫކޮށްފައިނުވާކަމަށް ކޯޓުގައި ބުނެފައިވެއެވެ. މަސްވެރިޔާ ކާޑުން ނަގަމުން ދިޔަ ފައިސާއަކީ ކާޑުގައި ހުރިކަމަށް ދެއްކި ފައިސާ ކަމަށާއި ކާޑުގައި ނެތް ފައިސާއެއް ނުނަގާކަމަށް މަސްވެރިޔާ ވަނީ ކޯޓުގައި ބުނެފައެވެ.

މި މައްސަލައިގައި މަސްވެރިޔާ، އޭނާގެ މަސްވެރިޔާ ކާޑުގެ ބޭންކް ސްޓޭޓްމަންޓް ނުވަތަ ދައުވާގައި ބޭންކުން ބަޔާންކުރާ މިންވަރުގެ ފައިސާ އެކާޑުން ނަގާފައިވާކަން ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ދަށުކޯޓަށް ހުށަހަޅާފައިނުވާ ކަމަށް ބޭންކުން ވަނީ ހައިކޯޓުގައި ބުނެފައެވެ.

މަސްވެރިޔާގެ ފަރާތުން ލޯނަކަށް ނުވަތަ ކްރެޑިޓް ފެސިލިޓީއަކަށް އެދިފައިވާކަންވެސް ހެކިތަކުން އެނގެން ނެތްކަން ފާހަގަކޮށް، ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، ދަށު ކޯޓުގެ ހުކުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އާއި ފަނޑިޔާރު ޙުސައިން މަޒީދާއި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިނެވެ.

މަސްވެރިޔާ ކާޑު ނުވަތަ ޑިޖިޓަލް ވޮލެޓަކީ 2018 ވަނަ އަހަރު މަސްވެރިންނަށް ޚާއްޞަކޮށްގެން ތައާރަފް ކުރި ކާޑެކެވެ.

comment ކޮމެންޓް