ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) 2025 ގެ ކޯޕަރޭޓް ޓީމް ކެޓަގަރީއަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގުން ވަނީ އެކި މުއައްސަސާތަކުގެ މެންބަރުންނާ ބައްދަލުކޮށް، ރޯޑް ރޭސް 2025ގެ ތެރެއިން ވަޒީފާގެ މާހައުލުގައި ފިޓްނެސް އިތުރުކޮށް، ދުވުމުގެ ރޫޙު އާލާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
ދިރާގުން ބުނީ، ރޯޑް ރޭހަށް މިދިޔަ އަހަރު ތަޢާރަފުކުރި ކޯޕަރޭޓް ޓީމް ކެޓަގަރީއަކީ، ކޮންމެ ޓީމެއްގައި ހަތަރު މީހުން ހިމެނޭގޮތަށް، އެ ބައެއްގެ މުއައްސަސާ ތަމްސީލުކޮށް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތެއް ކަމަށެވެ.
ދިރާގުން އާންމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން ކޯޕަރޭޓް ކެޓަގަރީގައި، ރިޒޯޓުތަކާއި، ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ބައިވެރިވެވޭނެއެވެ.
އެ ދުވުމަށް ރަޖިސްޓްރީވާ ކޮންމެ ޓީމަކުން ރަޖިސްޓްރީ ފީގެ ގޮތުގައި 1,000 ރުފިޔާ ދައްކަންޖެހޭނެއެވެ. ނަމަވެސް، ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދައްކާ ޓީމުތަކުން ދައްކަން ޖެހޭނީ 800 ރުފިޔާއެވެ.
ރަޖިސްޓްރީ ފީގައި ދުވުމަށް ބޭނުންވާ މުޅި ކިޓް ހިމެނޭ ކަމަށް ދިރާގުން ފާހަގަކުރިއެވެ. އެއީ، ރަނާސް ޓީ-ޝާޓާއި، ޓައިމިން ޗިޕް ހަރުކޮށްފައިވާ ބިބާއި، ބޭގް އަދި ފިނިޝާ މެޑަލްއެވެ.
ދުވުމުގައި ބައިވެރިވާ ކޮންމެ މީހެއްގެ ފީގެ ތެރެއިން 100 ރުފިޔާ ހަދިޔާކުރާނީ ކުޑަކުދިން ރައްކާތެރިކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކަށް ކަމަށް ދިރާގުން ބުނެފައިވެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި ކޯޕަރޭޓް ޓީމް ކެޓަގަރީގެ ނަތީޖާ ނެރޭނީ، ކޮންމެ ޓީމެއްގެ މެންބަރުން ރޭސް ނިންމި ވަގުތުގެ ޖުމްލައަށް ބަލައިގެންނެވެ.
ފަސް ކިލޯމީޓަރުގެ އެ ދުވުން ނިންމުމަށް ކޮންމެ ބައިވެރިއަކަށް ވެސް 45 މިނިޓު ދޭނެ ކަމަށް ދިރާގުން ބުނެއެވެ. އެ ކެޓަގަރީގެ އިނާމުތަކަކީ:
- ޗެމްޕިއަން ޓީމަށް 10,000 ރުފިޔާ
- ރަނަރަޕް ޓީމަށް 8,000 ރުފިޔާ
- ދެވަނަ ރަނަރަޕް ޓީމަށް 6,000 ރުފިޔާ
ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަކީ ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. އެގޮތުން، މިއީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރެތޯންސް އެންޑް ޑިސްޓެންސް ރޭސަސް (އޭއައިއެމްއެސް)ގައި ރަސްމީކޮށް ރަޖިސްޓަރީކޮށް، އޭއައިއެމްއެސް ވޯލްޑް ރަނިން ކަލަންޑަރުގައި ހިމަނައިފައިވާ ދުވުމެކެވެ.
މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބާއްވާނީ އޮކްޓޯބަރު މަހުގެ 24 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި ދުވުމަކީ ކޮންމެ އަހަރަކު ވެސް މުޖުތަމަޢަށް ފައިދާހުރި ކަމަކަށް ފައިސާ ހޯދުމަށް ޚާއްސަކޮށްގެން ބާއްވާ ދުވުމެކެވެ. އެގޮތުން މިއަހަރުގެ ދުވުމުގެ އަމާޒަކީ ކުޑަކުދިން ރައްކާތެރިކުރުމުގެ މަސައްކަތަށް އެހީވުމެވެ.