ދިވެހިރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށް ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ، ގޭމް ކުޅުންތެރިންގެ މެދުގައި ވަރަށް މަގުބޫލު "ކޯލް އޮފް ޑިއުޓީ މޯބައިލް މިނީ ސީރީޒް II" އަށް ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުގެ ރޭގަނޑު 10:00 އަށް އިތުރުކޮށްފައިވާ ކަމަށް ދިރާގުން ހާމަކޮށްފިއެވެ.
މި މުބާރާތަށް ގޭމް ކުޅުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަކާ ގުޅިގެން މި މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ، މި ހާއްސަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މހުގެ 30ވަނަ ދުވަހެވެ. މި މުބާރާތް ކުރިއަށްދާނީ އޮންލައިންކޮށެވެ. މުބާރާތުގައި ބައިވެރިވެ ވަނަތައް ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10,000 ރުފިޔާގެ ބޮޑު ޕްރައިޒް ޕޫލެއް ވަނީ ކަނޑައެޅިފައެވެ.
ގޭމް ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމަށާއި، ވާދަވެރި މާޙައުލެއްގައި ބައިވެރިވެ، މޮޅު ހުނަރުވެރިންނާއެކު ވާދަކުރުމަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށް ދިރާގުން ފާހަގަކުރެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ގޭމް ކުޅުންތެރިންނަށް ދިރާގު ގޭމާސް ގިލްޑްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީކުރެވޭނެއެވެ.
ދިރާގުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ދާދި ފަހުން ޑީޖީޖީއިން ވަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) ކާމިޔާބުކަމާއެކު ނިންމައިލައިފައެވެ.
މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1500 އަށްވުރެ ގިނަ ގޭމް ކުޅުންތެރިންބައިވެރިވެ، ހުނަރުވެރި ކުޅުންތަކެއް ވަނީ ދައްކާލާފައެވެ.
ރާއްޖޭގެ ގޭމިން ދާއިރާ ތަރައްޤީކުރުމަށް ދިރާގުން ދަނީ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމަށްވާ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް، ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިން ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.