މީޑިއާ ކޮންޓްރޯލް ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ހަމަލާއެއް: ރިޕޯޓާސް ވިތައުޓް ބޯޑާސް

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރުން: މީޑިއާ ކޮންޓްރޯލް ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ހަމަލާއެއްކަމަށް ރިޕޯޓާސް ވިތްއައުޓް ބޯޑާސް ވަނީ ބުނެފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ރައްޔިތުންގެ މަޖިލީހަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ހުށަހަޅާފައި އޮތް ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ހަމަލާއެއް ކަމަށް ބުނެ، އެ ބިލު ބޭރުކޮށްލުމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)އިން ގޮވާލައިފިއެވެ.

މީޑިއާތައް ސަރުކާރަށް ކޮންޓްރޯލް ކުރެވޭ ގޮތަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުޅަހަޅުއްވާފައި އޮތް ބިލު ބޭރުކުރުމަށް ނޫސްވެރިން ގޮވާލަމުން އަންނަނިކޮށް، މަޖިލީހަށް ވަނީ ބިލު ބަލައިގެންފައެވެ. އަދި، އެ ބިލުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ވަނީ ފަށައިފައެވެ.

އެ ބިލާ ގުޅިގެން އާރްއެސްއެފް އިން ނެރުނު ބަޔާނެއްގައި ވަނީ، އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އެގޮތުން މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް އޮތުމާއި، ސަރުކާރުގެ ބާރު އޮންނާނެހެން ކޮމިޝަނެއް އެކުލަވައިލުމަށް އޮތުމުން އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރިއެވެ.

އެ ބިލު ވަގުތުން ބޭރުކޮށްލުމަށް ގޮވާލައި، އެ ޖަމިއްޔާއިން ވަނީ އެކަމުގައި މީޑިއާތަކާއި ތަޖުރިބާކާރު ނޫސްވެރިންގެ މަޝްވަރާ ހޯދަން ގޮވާލާފައެވެ.

ނޫސްވެރިން ރައީސް އޮފީސް ކުރިމަތީ އިހުތިޖާޖުކުރަނީ -- ސަން ފޮޓޯ/ އަހުމަދު އިޔާދު

އެ ޖަމިއްޔާގެ ދެކުނު އޭޝިއާގެ ވެރިޔާ ސީލިއާ މާސިއާ ސިފަކުރެއްވި ގޮތުގައި، އެ ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ސީދާ ހަމަލާއެކެވެ.

"ސަރުކާރުގެ ސީދާ ބާރާއި ނުފޫޒޫ ފޯރުވޭ ކޮމިޝަނެއްގެ ދަށުން މީޑިއާ ރެގިއުލޭޓުކުރުމަށާއި ހާލަތާ ނުބައްދަލު ހަރުކަށި ފިޔަވަޅު އަޅަން ދޫކޮށްލުމަކީ ސެންސާޝިޕަށް މަގުފަހިވާނެ ކަމެއް" އޭނާ ވިދާޅުވިއެވެ.

އެ ޖަމިއްޔާއިން ބިލު ބޭރުކުރަން ގޮވާލިއިރު، މިނިވަން މުއައްސާސަތަކުގެ ކޮމިޓީން ވަނީ އެބިލާ ގުޅޭގޮތުން މީޑިއާތަކާ ބައްދަލުކުރުމަށް ނިންމާފައެވެ. އެ ނިންމުން ކޮމިޓީން ނިންމީ، ބިލު ބޭރުކުރުމަށް ނޫސްވެރިން ގޮވައިލައި، މުޒާހަރާ ކުރަމުން ދަނިކޮށެވެ.

https://sun.mv/210608

ނޫސްވެރިންގެ ކަންބޮޑުވުމަކީ، ނޫސްވެރިންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމާއި، މީޑިއާއަށް ހަރުކަށި ފިޔަވަޅު އަޅައި، ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރުމަށް މަގުފަހިވާ ގޮތަށް ބިލުގައި މާއްދާތައް ހިމަނާފައިވުމުންނެވެ. އެހެންކަމުން ނޫސްވެރިން ގޮވާލާފައިވަނީ ބިލު އޮތް ގޮތަށް ބޭރުކޮށް، ނޫސްވެރިންގެ މަޝްވަރާއާއި ޚިޔާލާ އެކު އާ ބިލެއް ހުށަހެޅުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ. ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ސަރުކާރަކީ '100 ޕަސެންޓް މީޑިއާ ޕްރޯ' ސަރުކާރެއް ކަމަށާއި، ބިލުގައި ހުރި ވަކިވަކި މާއްދާތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.

ބުރާސްފަތި ދުވަހު ބަންޑާރަނައިބު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނޫސްވެރިން ވަނީ ބޮއިކޮޓްކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ހަމަ އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ބިލުގެ މައްސަލައިގައި، ހަގީގަތް އޮޅުވައިލައްވަނީކަމަށް ބުނެ ބަންޑާރަނައިބު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކޮށް، ރައީސް އޮފީހުން ވަނީ އެ ދުވަހު ނޫސްވެރިން ނުކުމެފައެވެ.

ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟

  • މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން
  • ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ
  • ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން
  • ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް
  • ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
  • މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ
  • ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ
  • ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް
  • ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ

ރައީސް ވަނީ މީޑިއާ ކޮންޓްރޯލް ކުރަން ޝައުގެއް ނެތް ކަމަށާއި އެ މަނިކުފާނަށް ބާރުތައް ނުލިބޭ ގޮތަށް ބިލު ފާސްކުރަން ޕީއެންސީގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް