މީޑިއާ ރެގިއުލޭޓްކުރުމާ އެއްވެސް ވަރަކަށް ދެކޮޅު ނޫން ކަމަށާއި މީޑިއާ ރެގިއުލޭޓްކުރުމަށް ބޭނުންވަނީ ހަރުދަނާ ގޮތެއް ކަމަށް މީޑިއާ ކައުންސިލުން މިއަދު ބުނެފިއެވެ.
ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރަން މަގުފަހިވާ ގޮތަށް ހުށަހަޅާފައި ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ފަށައި، އެ ކޮމިޓީން މިއަދު ފުރަތަމަ ބައްދަލުކުރީ ބްރޯޑްކާސްޓިން ކޮމިޝަނާއެވެ. އެއަށް ފަހު މިއަދު އެ ކޮމިޓީން ވަނީ މީޑިއާ ކައުންސިލާ ބައްދަލުކޮށްފައެވެ.
ބިލާ ގުޅޭގޮތުން ކޮމިޓީގައި ވާހަކަދައްކަވަމުން މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ޘަގީފް އިހުސާން ވިދާޅުވީ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގެ ޑްރާފްޓިން މަރުހަލާގައި ކައުންސިލާއި ނޫސްވެރިންނާއި ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާނުކުރައްވާ ކަމަށާއި، ބިލު ހުށަހެޅުއްވީ އެކަށޭނަ ދިރާސާއެއް ކުރުމެއް ނެތި ކަމަށެވެ.
ޘަގީފް ވިދާޅުވީ، ބިލު މިހާރު އޮތްގޮތުން ނޫސްވެރިކަމާއި އެއާ ގުޅުންހުރި ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި އަސާސްތައް ގެއްލި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލުމުގެ އިތުރުން، ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގެއްލޭ ފަދަ އެކި މާއްދާތައް ބިލުގައި ހުރި ކަމަށް، މީޑިއާ ކައުންސިލްގެ މެންބަރުން ފާހަގަކުރި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ބިލުގައި ނޫސްވެރިންގެ ހައްގުތަކާއި ބްރޯޑްކާސްޓަރުންގެ ހައްގުތައް މަސްހުނިވެފައިވާ ކަމާއި، އެ ބިލުގެ ސަބަބުން ޕްރިންޓް މީޑިއާއާއި އޮންލައިން ނޫސްތަކުގެ ހައްގުތަކަށް ހިޔަނި އެޅޭކަން ފާހަގަކުރެވިފައިވެއެވެ.
"ދެން ބިލު އެކުލަވާލުމުގައި ބިލު އަމާޒުވާ ނޫސްވެރިންނާއި މި އިދާރާގެ އެހެން ސްޓޭކްހޯލްޑަރުންގެ ބަހެއް ނެތްކަން އަޅުގަނޑުމެން ހިތާމައާ އެކު ފާހަގަކުރަން، އަދި ހަމަ އެކަމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އަޅުގަނޑުމެން ފާހަގަކުރިން،" ޘަގީފް ވިދާޅުވިއެވެ.
ބިލާ ގުޅޭގޮތުން ޘަގީފް އިތުރަށް ވިދާޅުވީ، ބޭރުގެ ކަމާގުޅުންހުރި ޖަމިއްޔާ ޖަމާއަތްތަކުން ލަފާދިނީ ބިލު އަނބުރާ ގެންގޮސް، ނޫސްވެރިންނާއި ކަމާގުޅުންހުރި އެންމެހާ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު ފުރިހަމަ ބިލެއް އަލުން ހުށަހެޅުމަށް ކަމަށެވެ.
މި ކޮމިޓީގެ ބައްދަލުވުމުގައި ނޫސްވެރިން ތަމްސީލުކުރައްވާ މީޑިއާ ކައުންސިލްގެ މެންބަރު ފާތިމަތު ނަހުދާ ފާއިޒް ވިދާޅުވީ، ބިލުގައި މިހާރު އޮތްގޮތުން ސެލްފް ރެގިއުލޭޝަނަށް ނުވަތަ މީޑިއާތައް އަމިއްލައަށް ރެގިއުލޭޓްކުރުމަށް އެއްވެސް ޖާގައެއް ނުލިބޭ ކަމަށެވެ.
ނަހުދާ ވިދާޅުވީ، ބިލުގައި ބަޔާންކުރާ ކޮމިޝަންގެ މެންބަރުން އެކުލެވިގެންވާ ގޮތުން ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރާނެ ކަމަށާއި، ބިލު އޮތް ގޮތުން މަސްލަހަތު ފުށޫއަރާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގައި މެންބަރުން ބިލަށް ބަހުސްކުރެއްވިއިރު، ސެލްފް ރެގިއުލޭޝަނާ މެންބަރުން ދެކޮޅުކަން ފާހަގަކުރެވިފައިވެއެވެ.
ބިލުގައި އޮތް ގޮތުން އާ ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބެއެވެ. އެހެންވެ، ނަހުދާ ފާހަގަކުރެއްވި އަނެއް ކަންބޮޑުވުމަކީ ބިލު އޮތް ގޮތުން މަޖިލީހުގެ މެންބަރުން ހިތްހަމަޖެހިވަޑައިނުގަންނަވާ ވާހަކައެއް ނޫހެއްގައި ލިޔެފިނަމަ، އެ ނޫހެއް ތަމްސީލުކުރާ މެންބަރަކު ވަކިކުރުމުގެ ފުރުސަތު މަޖިލީހަށް އޮންނަ ކަންބޮޑުވުމެވެ.
އެހެންކަމުން މި ބިލު މަސްލަހަތާ ފުށޫއަރާ ކަމަށް ނަހުދާ ވިދާޅުވިއެވެ.

ކޮމިޓީގައި މީޑިއާ ކައުންސިލްގެ މެންބަރު ނަހުދާ: އޭނާ ވަނީ ބިލަށް ފާޑު ވިދާޅުވެފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު
"ދައުލަތުގެ އެހެން މުއައްސަސާތަކަށް ބަލާއިރު ޖުޑީޝަލް ސާވިސް ކޮމިޝަން، ބާ ކައުންސިލަށް ބެލިކަމުގައި ވިޔަސް މި އޮންނަނީ ސެލްފް ރެގިއުލޭޓަރީ ނިޒާމެއް، ކީއްވެގެންތޯ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންގެ ކޮމްޕޮޒިޝަން އާ މެދު ހުރިހާ ސަރުކާރުތަކުން ވެސް ކަންބޮޑުވުން ފާޅުކުރަނީ؟ އެއީ އެތަނަށް ހުރިހާ ސިޔާސީ ނުފޫޒު ވަންނާތީ،" މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް އިންނެވި ކޮމިޓީގައި ވާހަކަދައްކަވަމުން ނަހުދާ ވިދާޅުވިއެވެ.
އަޅުގަނޑުމެން ނޫސްވެރިން ވެސް އަދި ޖަމިއްޔާތަކުން ވެސް ވަރަށް ބޮޑަށް އެބަ ފާހަގަކުރެވޭ ރެގިއުލޭޓްކުރުމާ ދެކޮޅުނޫންކަން، ރެގިއުލޭޓްކުރެވޭނެ ނިޒާމު ނެތީއެއް ނޫން، ނިޒާމު އެބައޮތް، ބޭނުންވަނީ ރެގިއުލޭޓްކުރެވޭނެ ހަރުދަނާ ގޮތެއް،މީޑިއާ ކައުންސިލްގެ މެންބަރު ފާތިމަތު ނަހުދާ ފާއިޒް
މި މަހުގެ 19ވަނަ ދުވަހު ބިލާ ގުޅޭގޮތުން މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، މުޅި ބިލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށް ކަމަށާއި، މީޑިއާތައް ރެގިއުލޭޓްކުރުމަށް މިހާރު އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމު އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް ކަމަށެވެ.
އެއާއެކު، މަޖިލީހުން ބިލު ބަލައިގަތުމާ ގުޅިގެން ބިލުގެ ކޮމިޓީ މަރުހަލާ ނިމި ތަޅުމުން ފާސްކުރިޔަސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިލު ތަސްދީގު ނުކުރެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.
މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލު ފާސްކޮށް ބިލު ތަސްދީގުކޮށްފިނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.
މީގެ އިތުރުން، އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ރެގިއުލޭޓަރީ ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި، އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކޮށް, ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ.